Last Updated: April 26, 20:24
Friday, April 26, 2024
މުނިފޫހިފިލުވުން

އަދިތިޔާ އާއި އަނަންޔާގެ ކައިވެނީގެ ވާހަކަ

މިހާރު ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އަދިތިޔާ ރޯއި ކަޕޫރާއި އަނަންޔާ ޕާންޑޭ ކައިވެނި ކުރަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ.

ދެ ތަރިން ރައްޓެހިވެގެން އުޅޭކަން ރަސްމީކޮށް ކަށަވަރުކޮށް ނުދިން ނަމަވެސް އެކީގައި މިހާރު ވަރަށް ގިނައިން ފެނުމާއި ބައެއް ގައުމުތަކަށް އެކީގައި ދަތުރުކުރުން ފަދަ ކަންކަން ކުރާކަން ވެސް ފާހަގަކުރެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ މެޗްތަކެއް ވެސް ބަލަން އަނަންޔާ އާއި އަދިތިޔާ ގަތަރަށް އެކީގައި ދިޔަ އެވެ. އެ ދަތުރުގައި އެ މީހުންނާ އެކީ އަނަންޔާގެ ބައްޕަ އެކްޓަރު ޗަންކީ ޕާންޑޭ ވެސް ބައިވެރިވި އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އަދިތިޔާ އާއި އަނަންޔާ ފެޝަން ޝޯއެއްގައި ބައިވެރިވެ، ރޭމްޕްގައި ވެސް ހިނގާފައިވެ އެވެ.

އަންނަ މަހުގެ 7 ގައި ރިލީޒްކުރާ އަދިތިޔާގެ ފިލްމު "ގުމްރާހް" ގެ ޓްރެއިލާ ލޯންޗްކުރަން އިއްޔެ ބޭއްވި ހަފުލާގައި ނޫސްވެރިންތަކެއް ވަނީ އޭނަ ގާތުން ކައިވެނީގެ ވާހަކަ އަހައިފަ އެވެ. އަދި މާ ދުރުދުރުން އަދިތިޔާ ބުނީ ކައިވެނި ކުރާނެ ކަމަށާއި އެކަމަކު އެއީ އެކަން ކުރަން ރަނގަޅު ދަނޑިވަޅެއް އައުމުން ކަމަށެވެ.

"އަހަންނަށް އެނގޭ މިހާރު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު އެބަ ކައިވެނިކުރޭ. އެހެންވީމަ އެއަކުން އަހަރެން ވެސް އިސްތިސްނާއެއް ނުވާނެ،" އާޝިގީ 2 ގެ ބަތަލު ބުންޏެވެ. "އެކަމަކު އަހަންނަށް އަދި ވަގުތު އެބައޮތް. ރަނގަޅު ދަނޑިވަޅެއް އައިމަ ކައިވެނި ކުރާނަން."

އަދިތިޔާ، 37، ބުނީ އަނަންޔާ އަކީ މިހާރު ވަރަށް "ގާތް އެކުވެރިއެއް" ކަމަށާއި "އެއީ ވަރަށް ލޯބި ކުއްޖެއް" ކަމަށެވެ.

ދެހާސް ނަވާރައިގައި ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް އަނަންޔާ، 24، ކުރިން ރައްޓެހިވެގެން އުޅުނީ ޝާހިދު ކަޕޫރްގެ ކޮއްކޮ އެކްޓަރު އިޝާން ޙައްތަރާ އެކީ އެވެ. އެ ދެ މީހުން އެކީގައި ފިލްމެއް ވެސް ކުޅުނެވެ. އެއީ 2020 ގެ "ކާލީ ޕީލީ" އެވެ.