Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ނަޝީދުގެ ރައްދެއް އައްޑޫ މޭޔަރަށް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި އައްޑޫ މޭޔަރު އަލީ ނިޒާރު ދެއްކެވި ވާހަކަތަކަކަށް ނަޝީދު ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އައްޑޫގެ ދާއިރާތަކުގެ މެމްބަރުންނާއި ސިޓީ ކައުންސިލްގެ މެމްބަރުން ތިއްބަވާ ގުރޫޕެއްގައި ނަޝީދި ފަޅީގައި ހުންނެވި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބަށް ރައްދު ކުރައްވައި ނިޒާރު ނިޒާރު އެދިވަޑައިގަތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ނުދީ، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ވާހަކަ ދެއްކެވެން ނެތް ވާހަކަ ނަޝީދަށް ދަންނަވައި ދެއްވުމަށެވެ. އަދި "ދެ މޫނާއެކީ" ދެއްކެވޭ ވާހަކަތަކަށް އިތުބާރު ނުކުރައްވާނެ ވާހަކަ ވެސް ނަޝީދަށް ދަންނަވައި ދެއްވުމަށް އިލްޔާސްގެ އަރިހުން ނިޒާރު އެދިވަޑައިގަތެވެ.

އޭނަ ވިދާޅުވި ގޮތުގައި، ރައީސް ސޯލިހު އައްޑޫގެ ތަރައްގީ އަށް ކޮށްދެއްވާ ކަންކަން ފުރިހަމަ ވާނީ ރިޔާސީ ދެވަނަ ދައުރެއް ދީގެންނެވެ.

އެ ވާހަކަތަކާ ގުޅިގެން، ވަޓްސްއެޕް ގުރޫޕްގެ ސްކްރީންޝޮޓަކާއެކު ކުރެއްވި ޓުވީޓުގައި ނަޝީދު ރޭ ވިދާޅުވީ އައްޑޫގެ ތަރައްގީ އަކީ ހަމައެކަނި ރައީސް ސޯލިހަށް ދޭ ފުރުސަތެއް ކަމަށް ބަލައިގެން ނިޒާރު ވާހަކަ ދެއްކެވުމުން ހިތާމަ ކުރައްވާ ކަމަށެވެ.

"މޭޔަރު އެހެން ނުހައްދަވާ. މަނިކުފާނާއި އަޅުގަނޑުގެ ފަހުން ވެސް އައްޑު އާއި ރާއްޖެ އޮންނާނެ،" ނަޝީދު ވިދާޅުވި އެވެ.

އައްޑޫ މޭޔަރަކީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދޭން ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މިހާތަނަށް އައްޑޫގައި ހިންގާ އެންމެ ބޮޑެތި މަޝްރޫއުތައް ވެސް ހިންގަނީ ރައީސް ސޯލިހުގެ ވެރިކަމުގައި ކަމަށާއި އެހެންވެ އައްޑޫގެ ތަރައްގީ އަށް ޓަކައި ދެވަނަ ދައުރެއް ރައީސަށް ހައްގުވާ ކަމަށް ނިޒާރު ވިދާޅުވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ރައީސް ސޯލިހާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުން ނަޝީދު ގެންދަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނަކަށް ވަރަށް ފާޅުގައި މަސައްކަތްކުރައްވަމުންނެވެ. މިކަމާ ގުޅިގެން ރައީސް ސޯލިހި ފަޅީގައި ތިއްބެވި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުންގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އަދި ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަޝީދަށް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ބައެއް މަޖިލިސް މެމްބަރުން ނަޝީދަށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލައްވާފައިވެ އެވެ.