Last Updated: May 13, 06:36
Tuesday, May 13, 2025
ދުނިޔެ

ރާހުލްގެ ގޮނޑި ގެއްލިއްޖެ!

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިފި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން މިގޮތަށް ކަނޑައެޅީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަބުރަށް އަރައިގަތުމުގެ މައްސަލައެއް ސާބިތުވެ، އޭނާ ދެ އަހަރަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން އިއްޔެ ހުކުމް ކުރުމާ ގުޅިގެންނެވެ.

ގުޖުރާތުގެ ޑިސްޓްރިކްޓް ކޯޓަކުން ރާހުލް ޖަލަށް ލާން ހުކުމްކުރީ 2019 ވަނަ އަހަރުގެ އާންމު އިންތިޚާބުގެ ކެމްޕޭން ތެރެއިން "މޯދީ"، އެ ނަމާ ބެހޭ ގޮތުން އޭނާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެގޮތުން މޯދީ އަކީ ވަގެއް ކަމަށް ދޭހަވާ ގޮތަށް ރަހުލް ވަނީ ވާހަކަދައްކަވާފަ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ފަރާތުންނެވެ.

ރާހުލްގެ މަޖިލިސް ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާއިރު އޭނާ ނިސްބަތްވާ ކޮންގްރެސް ޕާޓީން ބުނީ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ގާނޫނު ހަދާ މަޖިލީހަށް ކަނޑަނޭޅޭނެ ކަމަށާއި އެއީ އިލެކްޝަންސް ކޮމިޝަނުގެ ލަފަޔާއެކު އިންޑިއާގެ ރައީސް ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ. މި ނިންމުން އިންޑިއާގެ މަތީ ކޯޓުތަކަށް ހުށަހަޅާނެ ކަމަށް ކޮންގްރެސް ޕާޓީން ބުނެ އެވެ.

ރާހުލް ޖަލަށްލުމާ ގުޅިގެން ކޮންގްރެސް ޕާޓީގެ އެކި ގޮފިތަކުން އަންނަނީ އިންޑިއާގެ އެކި ހިސާބުތަކުގައި އެއްވުންތައް ބާއްވަމުންނެވެ.