ހިތަދޫ ބަނދަރު ސަރަހައްދުގައި އަމިއްލަ ފަރާތަކުން ބިނާކުރި މިސްކިތް، ނައިބް ރައީސް ފައިސަލް ނަސީމް ހުޅުއްވައި ދެއްވައިފި އެވެ.
މިއަދު ހުކުރު ނަމާދަށް މި މިސްކިތް ނައިބް ރައީސް ހުޅުވައި ދެއްވައި ވަނީ މިސްކިތުގައި ކުރެވުނު ހުކުރު ނަމާދުގެ ޖަމާޢަތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މިސްކިތް ހުޅުވުމުގެ ރަސްމީއްޔާތުގައި ނައިބް ރައީސްގެ އިތުރުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ އާއި އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު އަދި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިސްކިތް ހުޅުވައި ދެއްވުމަށް ފަހު ހުކުރު ހުޠުބާ ވިދާޅުވެ ހުކުރު ކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަލީ ޒާހިރުއެވެ.
މިސްކިތް ހުޅުވައިދެއްވުމުގެ ކުރީން ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ފައިސަލް ނަސީމް ވަނީ ރީތި މިސްކިތެއް ބިނާވިއަސް މިސްކިތް ޒީނަތްތެރިވަނީ މިސްކިތައް އަރާ މިސްކިތުގެ ފުރިހަމަ ބޭނުން ހިފުމުން ކަމަށެވެ. އަދި ބަނދަރު ސަރަހައްދުގައި އެޅި މިމިސްކިތުގެ ސަބަބުން ގިނަ ބަޔަކަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.
އަމިއްލަ ފަރާތަކުން އައްޑޫ ސިޓީ ހިތަދޫގައި އިމާރާތް ކުރެއްވި މިސްކިތް "މަސްޖިދުލް ވާލިދައިނި" ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލްނަސީމް އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ހުޅުއްވާދެއްފައިފި. pic.twitter.com/KuGj77P4BU
— Ministry of Islamic Affairs (@MVIaffairs) March 24, 2023
'މަސްޖިދުލް ވާލިދައިނި' ގެ ނަމުގައި ހިތަދޫ ބަނދަރު ސަރަހައްދުގައި އަޅާފައިވާ މިމިސްކިތަކީ 250 މީހުންގެ ޖާގައިގެ ތަނަވަސް އަދި ހުކުރު ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މިސްކިތެކެވެ. މިއީ ނަން ހާމަކުރަން ބޭނުން ނުވާ އަމިއްލަ ފަރާތަކުން ހުރިހާ ޚަރަދެއް ކޮށްގެން ތައްޔާރުކޮށްފައިވާ މިސްކިތެކެވެ.

ނައިބް ރައީސް ފައިސަލް ނަސީމް އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި، ހިތަދޫގައި ޤާއިމް ކުރެވޭ އިސްލާމިކް ސެންޓަރ މަޝްރޫޢު ހަވާލު ކުރުމުގެ ރަސްމީއްޔާތުގައި ބައިވެރިވެވަޑައި ގަންނަވާނެއެވެ. މީގެ އިތުރުން މިރޭ އައްޑޫ ހައިސްކޫލު ހޯލުގައި ކުރިއަށްދާ އިހްޔާ ޕްރޮގްރާމުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.