Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ފްލައިން ސްކޫލަށް އިންސްޓްރަކްޓަރުންގެ ދަތިކަން

މޯލްޑިވިއަން އެވިއޭޝަން އެކަޑަމީގެ އިސްވެރިންނާއި ނައިބް ރައީސް ފައިސަލް ނަސީމް ބައްދަލު ކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

އައްޑޫ ފްލައިން ސްކޫލަށް ބޭނުންވާ ވަރަށް އިންސްޓްރަކްޓަރުން ނެތް ކަމަށް މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ހާމަކޮށްފި އެވެ.

ނައިބް ފައިސަލް ނަސީމް އައްޑޫ އަށް ކުރައްވަމުންދާ ޒިޔާރާތުގައި މިއަދު ހެނދުނު މޯލްޑިވިއަން އެވިއޭޝަން އެކަޑަމީގެ އިސްވެރިންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރުގެ އިތުރުން ސަރުކާރުގެ އިސްވެރިން އަދި މޯލްޑިވިއަން އެވިއޭޝަން އެކަޑަމީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ވިއައިޕީ ޓާމިނަލުގައި ބޭއްވި ބައްދަލުވުމުގައި، މޯލްޑިވިއަން އިން ހިންގަމުން އަންނަ ފްލައިން ސްކޫލުން ވަނީ ސްކޫލަށް މިވަގުތު ދިމާވާ ގޮންޖެހުންތައް ނައިބް ރައީސް އާއި ހިއްސާ ކުރައްވާފައެވެ. މިގޮތުން ކުދިން އަވަހަށް ނިންމުމަށް މިވަގުތު އެންމެ ބޮޑަށް ދިމާވާ އެއް ދައްޗަކީ ބޭނުންވާ ވަރަށް އިންސްޓްރަކްޓަރުން ނެތުން ކަން އެ ސްކޫލުން ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވިއަން އެވިއޭޝަން އެކަޑަމީގެ އިސްވެރިންނާއި ނައިބް ރައީސް ފައިސަލް ނަސީމް ބައްދަލު ކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި މިވަގުތު މަސައްކަތް ކުރަނީ 3 އިންސްޓްރަކްޓަރުންނެވެ. އެކަޑަމީގެ މިވަގުތު 35 ދަރިވަރަކު ކިޔެވުން ފުރިހަމަ ކުރަމުން އެބަ ގެންދެއެވެ. ސްކޫލުން މިވަގުވެސް އިންސްޓްރަކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އެންމެ ބޭނުންވާ ގޮތަށް ހިނގުމަށް 12 އިންސްޓްރަކުޓަރުން ހޯދުމަކީ ސްކޫލުގެ އަމާޒެކެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކުދިންނަށް ކިޔަވައި ދޭން ފަށާފައިވާއިރު އައު ބޯޓުތަކެއް ވަނީ ގެނެސްފައެވެ. އެކަޑަމީއަށް ބޭނުންވާ ސިމިއުލޭޓަރ ޤާއިމްކޮށް މިމަހުގެ ކުރީކޮޅު ދަރިވަރުން ބޭނުން ކުރަން ފަށާފައިވާއިރު އެކަޑަމީއާއި ގުޅުނު ފުރަތަމަ ބެޗުގެ ހުރިހާ ދަރިވަރުން މިހާރުވަނީ ސީޕީއެލް ތަމްރީނު ނިންމާފައެވެ.