އައްޑޫ ހިތަދޫގައި 1،500 މީހުންގެ ޖާގައިގެ އިސްލާމިކް ސެންޓަރެއް އެޅުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގައި މިއަދު ހަވީރު ބޭއްވި ރަސްމީއްޔާތެއްގައި އެ މަޝްރޫއު އިސްލާމިކް މިނިސްޓްރީން ހަވާލުކުރީ ފިޑޯ ޕްރައިވެޓް ލިމިޓެޑާ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. ފިޑޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފަޔާޒެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާ އައްޑޫ މޭޔަރު އަލީ ނިޒާރު ވެސް ބައިވެރިވެވަޑައިގަތެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ އައްޑޫ އިސްލާމީ މަރުކަޒަކީ އައްޑޫގެ ރައްޔިތުން ވަރަށް ބޭނުންވެފައިވާ ކަމެއް ކަމަށްވާތީ އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް ހުރިހާ ފަރާތެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
އައްޑޫ އިސްލާމީ މަރުކަޒަކީ 55.52 މިލިއަންގެ މަޝްރޫޢުއެކެވެ. ދެ ފަންގިފިލާ ހިމެނޭ މި އިމާރާތުގައި 1،500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނަ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ ހިމެނޭނެ އެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މަސައްކަތް ފަށާތާ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ހިތަދޫގައި އައްޑޫ ސިޓީ އިސްލާމިކް ސެންޓަރ އެޅުމަށް ހަމަޖެހިފައިވާ ބިން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލްނަސީމް އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ބައްލަވާ ލައްވައިފި pic.twitter.com/1sG3O3OisP
— Ministry of Islamic Affairs (@MVIaffairs) March 24, 2023
މަސައްކަތް ހަވާލު ކުރުމުގެ ރަސްމީއްޔާތުގައި މޭޔަރު ވިދާޅުވީ އިސްލާމީ މަރުކަޒުގެ އަަމަލީ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަަމަށެވެ. އަދި މި ސަރުކާރުން އެކަނި ވެސް މި މަޝްރޫޢު ހިމެނޭހެން އައްޑޫގައި ފަސް މިސްކިތެއްގެ މަސައްކަތް އެކި އަވަށްތަކުގައި ކުރަމުންދާ އަންނަކަން ފާހަގަކޮށް މިކަމުން ވެސް ސަރުކާރުން ދީނީ ކަންކަމަށް ދޭ އަހަމީއްޔާތު އެނގިގެންދާ ކަމަށް ވިދާޅުވި އެވެ.

އައްޑޫ އިސްލާމީ މަރުކަޒު ހަދަން ނިންމާފައި ވަނީ ހިތަދޫގައި ކުރިން ހިންގި ޕޮލިސް ޓްރެއިނިން ސްކޫލް ހުރި ބިމުގަ އެވެ. އެއީ އެލައިޑް އިންޝުއަރެންސް އައްޑޫ އޮފީސް ކުރިމަތިން އިތް ބިމެވެ. އެ ބިން ބައްލަވާލެއްވުމަށް މިއަދު ނައިބު ރައީސާއި އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ޒިޔާރަތްކުރައްވާފައިވެ އެވެ.