ރާއްޖެއަށް މިހާރު އަންނަމުންދާ ތަރައްޤީ މިސްކިތްތަކުން ފެނުމަކީ އަމާޒެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
އައްޑޫ އިސްލާމީ މަރުކަޒު ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މި ސަރުކާރު ހަވާލުވި ފަހުން މިސްކިތްތަކުގެ ޑިޒައިނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އަލުން ޑިޒައިންތައް ކުރަހާ މިހާރު ދެމުންދާ ޚިދުމަތައް ވުރެ ފުޅާކޮށް ޚިދުމަތް ދިނުމަށް މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ޑިޒައިން ކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިކަމުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ އަހަމީއްޔަތުކަން ވަރަށް ބޮޑަށް އެނގިގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަމިއްލަ ފަރާތަކުން އައްޑޫ ސިޓީ ހިތަދޫގައި އިމާރާތް ކުރެއްވި މިސްކިތް "މަސްޖިދުލް ވާލިދައިނި" ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލްނަސީމް އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ހުޅުއްވާދެއްފައިފި. pic.twitter.com/KuGj77P4BU
— Ministry of Islamic Affairs (@MVIaffairs) March 24, 2023
މީގެ އިތުރުން ސަރުކާރުން ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް މިސަރުކާރުން ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
" އެހެންވީމަ ރާއްޖެއަށް މިއަންނަ ތަރައްޤީ، ރާއްޖެއަށް އަންނަ ކުރިއެރުން މިސްކިތްތަކުން ފެނުން؛ ދީނީ އިމާރާތްތަކުން ފެނިގެން ދިއުން އެއީ މިސަރުކާރުގެ މައިގަނޑު އެއް އަމާޒު " އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މިކަން މިހާރު ޑިޒައިންކޮށް އަޅަމުންދާ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކަށް ބަލާލިއަށް މިކަން ވަރަށް ބޮޑަށް ފެނިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން މިސަރުކާރާއި ހަވާލުވިފަހުން މިހާތަނަށް މާލެއިން ބޭރުގައި އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރާ ކަމަށާއި، ނަމަވެސް އައްޑޫއަށް އައިސް އައްޑޫގައި އެއްބަސްވުމުގައި ސޮއިކުރީ ސަރުކާރުން މިކަމަށް ދޭ އަހަމީއްޔާތުގެ ކަމުގެ ބޮޑުކަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ އިސްލާމީ މަރުކަޒަކީ 55.52 މިލިއަންގެ މަޝްރޫޢުއެކެވެ. ދެ ފަންގިފިލާ ހިމެނޭ މި އިމާރާތުގައި 1،500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނަ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ ހިމެނޭނެ އެވެ