Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

ދީނަށް ލޯބިކުރާ ބަޔަކަށްވުމަށް އިސްކަންދޭން ޖެހޭ

މިސަރުކާރުގެ މަޤުޞަދަކީ، ދިވެހިންނަކީ ދީނަށް ލޯބި ކުރާ ބަޔަކަށް ހެދުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ރިއަލިޓީ ޝޯއެއްގެ ގޮތުގައި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޤުރުއާން މުބާރާތްކަމުގައިވާ، "ރަންތާޖު" ޤުރުއާން މުބާރާތް އިފްތިތާހުކޮށްދެއްވަމުން ފައިސަލް ވިދާޅުވީ ސަރުކާރުގެ މަޤުޞަދަކީ، ދިވެހިންނަކީ ދީނަށް ލޯބި ކުރާ، އެކަކު އަނެކަކާއި އަޅާލައި އެކުގައި ދިރިއުޅެވޭ، ރަނގަޅު ރައްޔިތެއް، ކަމުގައި ހެދުން ކަމަށެވެ.

މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤުޞަދަކީ، ޤުރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދުގެ މަގުން ޤުރުއާން ކިޔެވުމަށް ބާރުއެޅުން ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވަނީ ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށާއި، ޤުރުއާން މުބާރާތްތައް ބޭއްވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށްވެސް އަލި އަޅުއްވާ ލައްވާފަ އެވެ. އެގޮތުން ކޮވިޑް-19ގެ ހާލަތުގައި ވެސް ޤުރުއާން މުބާރާތް މެދުކަނޑާނުލައި ބޭއްވިފައިވާ ކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މިއަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމްތައް އަތޮޅުތަކުގައި ވެސް ކުރިޔަށް ގެންދެވޭނެ ކަމުގައި ވިދާޅުވި އެވެ.

"ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަން، ރާއްޖޭގެ 6 ސަރަހައްދެއްގައި ބާއްވާފައިވާއިރު، މުބާރާތުގެ އޮޑިޝަންގައި 111 ފަރާތަކުން ބައިވެރިވި އެވެ. މިމުބާރާތަށް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމްވަނީ ހުށައަޅާފަ އެވެ.