Last Updated: December 13, 17:38
Friday, December 13, 2024
ކުޅިވަރު

އެމްބާޕޭގެ ކެޕްޓަންކަމުގައި ފްރާންސަށް ބޮޑު މޮޅެއް

ޔޫރޯ ކޮލިފައިންގައި ރޭ ފްރާންސުން ނެދަލޭންޑްސް އަތުން 4-0 އިން މޮޅުވެއްޖެ އެވެ.

ރޭގެ މެޗަކީ ފްރާންސްގެ އާ ކެޕްޓަން ކިލިއަން އެމްބާޕޭގެ ކެޕްޓަން ކަމުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ފްރާންސްގެ ކެޕްޓަންކަން އެމްބާޕޭ އަށް ދިނީ އެ މަގާމު ފުރަމުންދިޔަ ގޯލްކީޕަރު ހޫގޯ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުންނެވެ.

ފްރާންސްގެ ދަނޑުގައި ރޭ ކުޅުނު މެޗަށް ނެދަލޭންޑްސް އިން ނިކުތީ މުހިއްމު ފަސް ކުޅުންތެރިންނާ ނުލަ އެވެ. އެގޮތުން ގަދަ ހުމެއްގެ ސަބަބުން މި މެޗުގައި ނެދަލޭންޑްސްގެ ޑިފެންޑަރުން ކަމަށްވާ މަތިއަލް ޑިލިޓް އާއި ސްވެން ބޮޓްމަން އާއި ގޯލްކީޕަރު ބާޓް ވާބްރުގެން އާއި މިޑްފީލްޑަރު ޖޯ ވާމަން އަދި ފޯވާޑް ކޯޑީ ގަކްޕޯ ކުޅެފައެއް ނުވެ އެވެ.

ރޭގެ ފުރަތަމަ 10 މިނެޓްތެރޭ ފްރާންސުން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ. ފްރާންސްގެ ފުރަތަމަ ގޯލު މެޗުގެ ދެވަނަ މިނެޓްގައި އެންޓުއާން ގްރިޒްމަން ކާމިޔާބުކޮށްދިން އިރު އެޓީމުގެ ދެވަނަ ގޯލު މެޗުގެ 8 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އެމްބާޕޭ ވަނީ ފްރާންސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ފްރާންސްގެ ހަތަރުވަނަ ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް އެމްބާޕޭ އެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބެލްޖިއަމުން ވަނީ ސްވިޑެން 3-0 އިން ބަލިކޮށްފަ އެވެ. ބެލްޖިއަމް ޓީމަށް ތިން ގޯލު ކާމިޔާބުކޮށްދީ ރޮމެލޫ ލުކާކޫ ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފަ އެވެ. ޗެކް ރިޕަބްލިކުން 3-1 އިން ޕޮލެންޑް ބަލިކުރި އިރު އޮސްޓްރިއާ އިން ވަނީ 4-1 އިން އަޒަރްބައިޖާން ބަލިކޮށްފަ އެވެ.