Last Updated: April 26, 06:56
Friday, April 26, 2024
މުނިފޫހިފިލުވުން

ތިން ބަތަލާއިންގެ ފިލްމަށް ލޮކޭޝަން ހޯދުމުގައި

މަޝްހޫރު ތިން ބަތަލާ އަކު ހިމަނައިގެން ފަރުހާން އަޚްތަރު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ރޯޑް ޓްރިޕް ފިލްމު "ޖީ ލޭ ޒަރާ" އަށް ލޮކޭޝަން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފަރުހާން އިންސްޓަގްރާމްގައި ވެސް އެކަން ހިއްސާކޮށްފައިވެ އެވެ. އޭނަ މި ވަގުތު ހުރީ ލޮކޭޝަން ހޯދަން ރާޖަސްތާންގަ އެވެ. އެ ޕޯސްޓަށް ފިލްމުގެ ލީޑް ކާސްޓުގައި ހިމެނޭ ތިން ބަތަލާއިންގެ ތެރެއިން އާލިއާ ބަޓް ކުރި ކޮމެންޓްގައި "ޖީ ލޭ ޒަރާ" ގެ ޝޫޓިން ފަށަން ކެތްމަދުވެފައި ހުރި ކަމަށް ބުނެފައިވެ އެވެ.

ދެހާސް އެކާވީހުގައި އިއުލާންކުރި މި ފިލްމުގެ އަނެއް ދެ ބަތަލާއިންނަކީ ޕްރިޔަންކާ ޗޯޕްޅާ އާއި ކެޓްރީނާ ކައިފެވެ. ޕްރިޔަންކާ އަކީ ފަރުހާން އެންމެ ފަހުން ޑައިރެކްޓްކުރި ދެ ފިލްމި ކަމަށްވާ 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން 2" ގެ ބަތަލާ އެވެ. އަދި ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ ފަރުހާން ބަތަލުގެ ރޯލު ކުޅުނު 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ.

"ޖީ ލޭ ޒަރާ" އަކީ ފަރުހާން ޑައިރެކްޓްކުރާ ފިލްމެއްގައި އާލިއާ އާއި ކެޓްރީނާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ފަރުހާނާއި ކެޓްރީނާ އަކީ ފަރުހާންގެ ދައްތަ ޒޯޔާ އަޚްތަރު 2013 ގައި ގެނެސްދިން ރޯޑް ޓްރިޕް ފިލްމު "ޒިންދަގީ ނާ މިލޭގީ ދުބާރާ" ގެ އެއް ބަތަލާ އެވެ.

"ޖީ ލޭ ޒަރާ" އިއުލާންކުރީ މި އަހަރު ރިލީޒްކުރާ ގޮތަށެވެ. އެކަމަކު އެކިއެކި ސަބަބުތަކާ ހެދި ފިލްމުގެ ޝޫޓިން ފެށުން ލަސްވެފައިވާތީ މި އަހަރު ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.