Last Updated: April 19, 21:01
Friday, April 19, 2024
މުނިފޫހިފިލުވުން

ޕްލާސްޓިކް ސާޖަރީއެއް ނަހަދަން: ރާޖް

މޫނުގެ ބައްޓަން ރީތިކުރަން ޕްލާސްޓިކް ސާޖަރީއެއް ހެދި ކަމަށް ބުނެ ދެކެވޭ ވާހަކަ ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރު ރާއޯ ދޮގުކޮށްފި އެވެ.

ސިދާތު ކަންނާން އަށް ދިން އިންޓަވިއުއެއްގައި އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން 38 އަހަރުގެ އެކްޓަރު ބުނީ ދުވަހަކު ވެސް ޕްލާސްޓިކް ސާޖަރީއެެއް ނަހަދާ ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް ބައެއް މީހުން ދައްކަނީ ކީއްވެ ކަމެއް ވެސް ނޭނގޭ ކަމަށް 2021 ގައި ބަތަލާ ޕަޓްރަލޭކާއާ ކައިވެނިކުރި އެކްޓަރު ބުންޏެވެ.

"ޕްލާސްޓިކް ސާޖަރީ ހެދިއޭ ކިޔާތީ އަހަރެން ގާތަށް އަންނަނީ ހިނި." ބޮލީވުޑްގައި މިހާރު ތިބި އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ރާޖް ބުންޏެވެ.

އޭނަ ބުނި ގޮތުގައި ތުންތުންމަތިން ދައްކާ އެފަދަ ވާހަތަކަށް ރަނގަޅުވާނީ އަޅާނުލިއްޔާ އެވެ. އެހެންވެ ޕްލާސްޓިކް ސާޖަރީ ހެދިއޭ ކިޔާފައި އަމާޒުކުރާ ފާޑުކިޔުންތަކަށް އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށް ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ރާޖް ބުންޏެވެ.

"އިސްތިރީ" އާއި "ނިއުޓަން" އާއި "ބެރިލީ ކީ ބަރްފީ" ފަދަ މަގުބޫލު އެތައް ފިލްމެއް ކުޅެފައިވާ ރާޖްގެ އެންމެ ފަހުގެ ފިލްމަކީ ކަޅާއި ހުދުން އިއްޔެ ސިނަމާތަކަށް ގެނައި "ބީޅު" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މިސްޓަ އެންޑް މިސިޒް މާހީ" އާއި "ސްރީ" ހިމެނެ އެވެ.