Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ފިކުރެއްގެ ދިރުން އަކީ ކެންސަރެއް: މަވޯޓާ

އެމްޑީޕީގެ ރައީސް މުހައްމަދ ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެށުން އަކީ އެ ޕާޓީ އަށް މިހާރު ޖެހިފައި އޮތް ޓާމިނަލް ކެންސަރެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ނަޝީދަށް ފާޑު ވިދާޅުވެ އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގެ ސިޔާސީ ޕާޓިއަކުން ފެކްޝަނެއް ހަދައިގެން ޕާޓީ ހަލާކުކޮށްލަން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ނަޝީދު މިކަން ކުރައްވަނީ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތުމުން ބަދަލު ހިއްޕެވުމުގެ ގޮތުން ކަމަށް މަވޯޓާ ވިދާޅުވި އެވެ.

"ފިކުރެއްގެ ދިރުމަކީ ޕްރައިމަރީން ބަލިވުމުން އެމްޑީޕީ ހަލާކުކޮށްލަން ބަދަލު ހިފުމުގެ ގޮތުން ކުރާ ކަމެއް." މަވޯޓާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް ނުކުންނަވައި، ނަޝީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީއާ އެކީގަ އެވެ. މިކަމަށް ފާޑު ވިދާޅުވެ މަވޯޓާ ވަނީ ދުނިޔޭގެ ނަޝީދު ކުރައްވާ ކަހަލަ ކަމެއް ދުނިޔޭގެ އެއްވެސް ގައުމެއްގެ ސިޔާސީ ޕާޓީއެއްގެ ފެކްޝަނަކުން ނުރައްކާ ކަމަށް ވިދާޅުވެފަ އެވެ.

"ދުނިޔޭގެ ކޮން ގައުމެއްގައިތޯ ސިޔާސީ ޕާޓީއެއްގެ ފެކްޝަނަކުން އެހެން ސިޔާސީ ޕާޓީއަކާ ގުޅިގެން ޕާޓީގެ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރަނީ؟" އޭނަ ވިދާޅުވި އެވެ. "ފިކުރެއްގެ ދިރުމަކީ އެމްޑީޕީ ވުޖޫދުން ފޮހެލަން އެތެރޭގައި އޮވެގެން މަސައްކަތްކުރާ ބައެއް. އެއީ އެމްޑީޕީ އަށް ޖެހިފައި އޮތް ކެންސަަރެއް."

އެހެންވެ ޕާޓީ އަށް ހެޔޮއެދޭ މީހުން އެކަމާ ވިސްނަންވެއްޖެ ކަމަށް ވެސް މަވޯޓާ ވިދާޅުވި އެވެ.

ނަޝީދު ފިކުރެއްގެ ދިރުން ފެކްޝަނަށް ރައީސް ސޯލިހަށް ތާއީދުކުރާ ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.