ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތްތަކުގެ މައްސަލަ ނުނިމި ދިގުލައިގެން ދާތީ އެކަން ހައްލުކުރުމަށް ގޮވާލާ މޯލްޑިވްސް ނެޝަނަލް ޕާޓީން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވައިފިއެވެ.
އެމްއެންޕީން ބުނެފައިވަަނީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާތީ އެ ސަގާފަތަށް ނިމުމެއް ގެންނަން ޖެހޭކަމަށެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން ބަންދުކުރެވޭ ފަރާތްތަކުގެ މައްސަލަތައް އަވަހަށް ނިންމެވުމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ކަނޑައަޅާފައިވާ އިޖުރާއަތް ހިންގޭނެ ފަހި އިންތިޒާމްތަކެއް ފަނޑިޔާރުގެއަށް ފަހިކޮށްދެއްވައިގެން، ބަންދުގައިވާ މީހުންނަށް އިޖުރާއީ އިންސާފު ލިބޭނެ ގޮތް ހަމަޖައްސަވާ ދެއްވުން އެދި އެމްއެންޕީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަންތައްތަކެއް ހުށަހަޅާފައިވާ ކަމަށެވެ.
އެމްއެންޕީން ބުނެފައިވަނީ މިކަން ރައީސްއަށް ހުށަހަޅާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ ކޯޓުތަކުން މަނާކުރައްވާފައިވާ ގޮތަށް ބަލާ، މިމައްސަލައަކީ ޤާނޫނީ އަދި އިދާރީ ހައްލުތަކެއް ބޭނުންވާ މައްސަލައެއް ކަމަށް ފާހަގަ ކުރެވޭތީ ކަމަށެވެ.
މިމައްސަލައިގައި އެމްއެންޕީން ރައީސް ސޯލިހަށް ފޮނުވި ސިޓީގައި ވަނީ، ޝަރީއަތް ނިމެންދެން ބަންދުކުރެވިފައި ގާތްގަނޑަކަށް 343 މީހަކު ޖަލުތަކުގެ ހައްޔަރުގައި ތިބިއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އެ ފަރާތްތަކުގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރުމުގެ އަޑުއެހުން ފަނޑިޔާރުގޭގައި ނުހިނގާ ކަމަށް ބުނެފައެވެ. އަދި އެފަރާތްތަކަށް އެ އިޖުރާއީ އިންސާފު ލިބުމުގެ މަގު ބަންދުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މިހުންގެ ޝަރީޢަތް ނުހިނގާ އަހަރުތަކަކަށް ދިގުދެމިގެން ގޮސްފައިވާ ކަމަށާއި، ބޮޑު މައްސަލައަކަށް ތުހުމަތުކުރެވުމަކީ އިޖުރާއީ އިންސާފުން މީހުން އެއްފަރާތް ކުރެއްވޭނެ ޤާނޫނީ ހަމައެއް ނޫންކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން 7 މާރޗް 2023 ގައި ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލު ކުރެއްވުމުން ވެސް މީގެ އަސްލު މައްސަލަ ހައްލު ކުރެއްވުމަށް އެއްވެސް މަސައްކަތެއް ކުރެއްވި ވާހަކައެއް ވިދާޅެއް ނުވާކަން އެމްއެންޕީގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށްދިނުމުގެ މުހިންމުކަން ރައްޔިތުންގެ މަޖިލީހަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ފަދަ ދައުލަތުގެ މުއައްސަސާތަކަށް ފެނިގެން، އެފަރާތްތަކުން މިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން އެމްއެންޕީން ފާހަގަކުރެއެވެ. އެހެންނަމަވެސް، ރައްޔިތުންގެ އަސާސީ ހައްޤުތަކަކާއި ގުޅިފައިވާ މި މައްސަލައަށް އަދިވެސް ހައްލެއް ގެނެވިފައެއް ނުވާކަމަށް އެ ޕާޓިންވަނީ ބުނެފައެވެ.