Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ގާސިމު އަވަހާރަވާން އެދޭތަން އެބަ ފެނޭ

ޖޭޕީން މިދިޔަ މަހު ބޭއްވި ކޮންގްރެސްގައި ގާސިމާ އެކީ ނަޝީދު.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމު ވެރިކަމަށް ގެންނަން އުޅޭ މީހުން އޭނަ އަވަހާރަ ވެސް ނުވެގެން އުޅުއްވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް ނުކުންނަވައި "ފިކުރެއްގެ ދިރުން" ގެ ނަމުގައި މިހާރު ވަކި ފެކްޝަނަކަށް މަސައްކަތްކުރައްވާ ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތު ކުރެވޭ ހަސަން ކުރުސީގެ އެކައުންޓުން ކުރި ޓްވީޓަކާ ގުޅިގެން ރޮޒޭ ވިދާޅުވީ މީހަކު ދައުރުތެރޭ އަވަހާރަވޭތޯ އުންމީދުކޮށްގެން ވެރިކަމަށް ގެންނަން މަސައްކަތް ކުރާތަން ވެސް މި ފެނުނީ ކަމަށެވެ.

"ދެރަވަރު. މި މީހުންގެ ވިސްނުން ހުރި ގޮތް މިވަރުން އެނގޭ،" އޭނަ ވިދާޅުވި އެވެ. "އެއްކޮޅުން ގާސިމް ވެރިކަމަށް ގެންނާށޯ. އަނެއްކޮޅުން ގާސިމް ދައުރުތެރޭ އަވަހާރަވާ ވާހަކަ ކެނޑިނޭޅި ދައްކަނީ."

ގާސިމާ ބެހޭ ގޮތުން ހަސަން ކުރުސީ ކުރި ޓްވީޓްގައި ވިދާޅުވެފައި ވަނީ ގާސިމަކީ ބަލި ބޭފުޅެއް ކަމަށާއި ހިތުގެ މައްސަލަތައް ވެސް ހުންނަ ކަމަށެވެ.

"[އެހެންވީމަ] ނާއިބަކަށް ލާން ވާނީ ރައީސްކަން ކުރަން އިތުބާރުކުރެވޭ ބޭފުޅެއް." ޖޭޕީ އަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވެސް ޓެގްކޮށް ބުނެފައިވެ އެވެ.

އެ ޓްވީޓްގައި ފާރިސް ޓެގްކޮށްފައި އޮތީ ޖޭޕީގެ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ފާރިސް އަކީ ގާބިލު ބޭފުޅެއް ކަމަށް މިދިޔަ ހަފުތާގައި ގާސިމް ވިދާޅުވެފައިވާތީ އެވެ.

ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވަނީ ޖޭޕީއާ ގުޅިގެން މެނިފެސްޓޯ އެކުލަވާލަން ވެސް ނިންމައިފަ އެވެ.