Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

މިރޭ "އާތު އަވާ" ފާހަގަ ކުރަނީ

މި އަހަރުގެ "އާތު އަވާ" މިރޭ ފާހަގަކުރަން ތައްޔާރުވެއްޖެ އެވެ.

މުޅި ދުނިޔޭގައި "އާތު އަވާ" ފާހަގަކުރަނީ މާޗް މަހުގެ ފަހު ހޮނިހިރުގަ އެވެ. އެގޮތުން ރާއްޖޭގައި އެކަން ފާހަގަ ކުރާނީ މިރޭ 9:30 އިން 10:30 އަށެވެ. ކަރަންޓްގެ ހުރިހާ ދިއްލުންތަކެއް ނިއްވާލައިގެން ތިމާވެއްޓަށްޓަކައޮ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރަން ފާހަގަކުރާ ވަގުތުކޮޅެކެވެ.

"އާތު އަވާ" ހަރަކާތުގައި ރާއްޖޭން ބައިވެރިވީ 2009 ގަ އެވެ.

"އާތު އަވާ" ރާއްޖޭގައި ފާހަގަކުރުމުގައި ކޮންމެ އަހަރަކު ވެސް އިސް ނަގަނީ ދިވެހި ސްކައުޓުންނެވެ. މާލޭގައި މި އަހަރުގެ "އާތު އަވާ" ފާހަގަކުރުމަށް ސްކައުޓް އެސޯސިއޭޝަނުން ބާއްވާ ޚާއްސަ ހަރަކާތް އޮންނާނީ ހުޅުމާލޭގެ ޣާޒީ ސްކޫލްގަ އެވެ. މާލެ ސަރަހައްދުގައި ބާއްވާ ހަރަކާތުގައި މާލޭގެ 16 ސްކޫލަކުން ޕްރީ ކަބުންނާއި، ކަބް ސްކައުޓުންނާއި، ސްކައުޓުންނާއި، ރޯވަ ސްކައުޓުންނާއި އަދި ލީޑަރުން ބައިވެރިވާނެ އެވެ.

ޣާޒީ ސްކޫލްގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ތިމާވެށީގެ އެކިއެކި މައްސަލަތަކާ ގުޅޭ މައުލޫމާތު ސްކައުޓުންނަށްދީ، ހޭލުންތެރި ކުރުވުން ހިމެނިފައިވާ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުންޏެވެ.

އަތޮޅު ތެރޭގެ ސްކޫލްތަކުގެ ސްކައުޓް ގްރޫޕްތަކުން ވެސް އާރތު އަވަރ ފާހަގަކުރަން ތަފާތު ހަރަކާތްތަކާ ޕްރޮގްރާމްތައް ހިންގާނެ އެވެ. "އާތު އަވާ" ގައި ސަރުކާރުގެ ކުންފުނުތަކާއި ޕްރައިވެޓް ކުންފުނިތަކާއި ރިސޯޓްތައް ވެސް ބައިވެރިވެ އެވެ.