Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ރާއްޖެ އައި ޓޫރިސްޓުން 500،000 އަށް އަރަނީ

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 500،000 އާ ގާތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 23 އާ ހަމައަށް ރާއްޖެ ޖުމްލަ 483،624 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު، 22.7 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 394،204 އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހުގެ އައި ޓޫރިސްޓުންގެ އަދަދަށް ވަކިވަކިން ބަލާ އިރު، ޖެނުއަރީގައި 172،499 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ފެބްރުއަރީ މަހުގެ ތެރޭގައި 177،915 ޓޫރިސްޓުން އައިސްފައިވާ އިރު، މި މަހުގެ 23 އާ ހަމައަށް ޖުމްލަ 133،210 ޓޫރިސްޓުން އައިސްފައިވެ އެވެ.

މި އަހަރު ފެނުނު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން މި މަހުގެ 23 އާ ހަމައަށް އެ ގައުމުން ޖުމްލަ 59،987 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައިގައި އޮތް އިންޑިއާ އިން މިހާތަނަށް 52،276 ޓޫރިސްޓުން އައިސްފައިވާ އިރު، ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 44،839 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖޭގެ ޓޮޕް 10 މާކެޓަށް ބަލާ އިރު، ލިސްޓްގައި ދެން ހިމެނެނީ އިޓަލީ (43،267 ޓޫރިސްޓުން)، ޖަރުމަން (33،756 ޓޫރިސްޓުން)، ފްރާންސް (21،132 ޓޫރިސްޓުން)، އެމެރިކާ (19،865 ޓޫރިސްޓުން)، ޗައިނާ (15،175 ޓޫރިސްޓުން)، ސްވިޓްޒަލޭންޑް (11،381 ޓޫރިސްޓުން) އަދި ޕޮލޭންޑް (8،827 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.