Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

ޤައުމީ ދުވަހަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އިން ތައްޔާރުވާން ފަށައިފި

ޤައުމީ ދުވަހުގެ ރަސްމިއްޔާތަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އިން ތައްޔާރުވާން ފަށައިފި އެވެ.

މި އަހަރުގެ ޤައުމީ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތު ލ. ފޮނަދޫގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ހަމަޖައްސަވާފައިވާތީ ޤައުމީ ދުވަހުގެ ޙަރަކާތްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ދަނީ ވަމުންނެވެ.

އެގޮތުން ފޮނަދޫ ޒީނަތްތެރި ކުރުމުގެ ގޮތުން މަގުތަކުގެ ދެފަރާތުގައި ހުރި ގަސްތައް ރީތިކޮށް ކޮށައި ސާފުކޮށް، ކައްދު އާއި ފޮނަދޫ އާ ދެމެދު އޮންނަ ކޯޒްވޭ ސާފު ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިންނާއި ފޮނަދޫގެ ރައްޔިތުން ގުޅިގެން ޙަރަކާތްތެރި ވަމުންދާކަން ފާހަގަކޮށްލެވެ އެވެ.

މީގެ އިތުުރުން ޤައުމީ ދުވަހުގެ އެއްބައިވަންތަ ކަމުގެ އަތުގުޅާލުން ބޭއްވުމަށާއި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖައްސަވާފައިވާ ސަރަޙައްދު ސާފުކޮށް ސްޓޯލްތަކުގައި ބޭނުން ކުރުމަށް އެ ސަރަޙައްދުގައި އަށް ޓެންޓް ޖެހުމުގެ މަސައްކަތާއި، ޤައުމީ ދުވަހުގެ މުނާޞަބަތުގައި ބޭއްވުމަށް ތައްޔާރުކުރާ ސްޓޭޖް މަރާމާތު ކުރުމަށްޓަކައި ތަޅުންގަނޑު ތަޅާލައި އަލުން ތަޅުން އެޅުމުގެ މަސައްކަތާއި ސްޓޭޖްގެ ސީލިންގައި ކުލަ ލުމާއި ތަޅުންގަނޑުގައި ދަވާދު ލައި، ސްޓޭޖް ސަރަޙައްދު ރީތިކޮށް ފަސްގަނޑު ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އިން ބުންޏެވެ. އަދި ސްޓޭޖަށް ކަރަންޓް ދިނުމުގެ މަސައްކަތާއި ލައިޓިންގ ހެދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މި އަހަރުގެ ޤައުމީ ދުވަސް ދިމާވަނީ މި މަހުގެ 13 ވަނަ ދުވަހާ އެވެ.