Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ފިކުރެއްގެ ދިރުން ވާނީ ގާސިމްގެ ހަލާކަށް: މަވޯޓާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އާ ގުޅިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުރާ މަސައްކަތް ވާނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހަލާކަށް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކިންގް މޭކާ އަކީ "ފިކުރެއްގެ ދިރުން" ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގެ ރައްދުގައި އޭނަ ވިދާޅުވީ ކިންގް މޭކާއަކަށް ފިކުރެއްގެ ދިރުން ނުވާނެ ކަމަށެވެ.

"ފިކުރެއްގެ ދިރުން ވާނީ ގާސިމް އިބްރާހީމްގެ ހަލާކަށް،" މަވޯޓާ ވިދާޅުވި އެވެ. "އަޅުގަނޑަކީ އަބަދު ވެސް ގާސިމަށް ހެޔޮއެދޭ ރައްޓެއްސަަކަށްވާތީ [އެ ވާހަކަ] ހަމަ ދަންނަވާލީ."

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ބަލިވެވަަޑައިގަތުމުން ނަޝީދު ގެންދަވަނީ ރައީސާ ދެކޮޅަށް ނުކުންނަވައި، ޖޭޕީއާ ގުޅިގެން މިހާރު މަސައްކަތް ކުރައްވަމުންނެވެ. އަދި ރިޔާސީ އިންތިހާބަށް "ފިކުރެއްގެ ދިރުން" އިން ޖޭޕީއާ ގުޅިގެން މެނިފެސްޓޯ އެކުލަވާލަން ވެސް ނިންމާފައިވެ އެވެ.

ޖޭޕީން އޮތީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފަ އެވެ.

ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައި، ޕާޓީގެ ތެރޭގައި ވަކި ފެކްޝަނެއް ހައްދަވައި އެހެން ސިޔާސީ ޕާޓީއަކަށް ވެރިކަން ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާތީ ރައީސް ސޯލިހަށް ތާއިދުކުރާ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްލާމާއި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ވަނީ ރައީސް ފަހަތްފުޅަށް ނަޝީދު ވަަޑައިގަތުމަށް ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ.