Last Updated: May 9, 02:20
Wednesday, May 8, 2024
ދުނިޔެ

އިމާރާތެއް މަތިން ފުންމާލި ޓޫރިސްޓަކު ހޯދަނީ

އިޓަލީގެ ވެނިސްގެ ތިން ބުރީގެ އިމާރާތެއްގެ ފުރާޅުމަތިން އެތަނުގެ ކައިރީގައި އޮތް ފެންގަނޑެއްގެ ތެރެއަށް ފުންމައިލި ޓޫރިސްޓަކު ހޯދަން ފަށައިފި އެވެ.

އެ މީހާ ފުންމައިލާ މަންޒަރު ފެންނަ ވީޑިއޯ ޓްވީޓްކުރައްވައި ވެނިސްގެ މޭޔަރު ލުއިޖީ ބްރަގްނާރޯ ވިދާޅުވީ އެ ޓޫރިސްޓް ހައްޔަރުކޮށް އޭނަ އަށް "ގަމާރުގެ ސެޓްފިިކެޓް" ވެސް ދޭން ބޭނުންވާ ކަމަށާއި އަދި "ގަޅި" ކަންތައް ކުރާތީ އޭނަ އަށް ފިލާވަޅެއް ދިނުމުގެ "ލަޑަން" ވެސް ބޭނުންވާ ކަމަށެވެ.

އެހެންވެ ވީޑިއޯގައި ފެންނަ މީހާ އަކީ ކާކުކަން އެނގޭ ނަމަ އެކަން ހިއްސާކޮށް ދޭން މޭޔަރު އާންމުންގެ ފަރާތުން އެދިވަޑައިގެންފައިވެ އެވެ. އެކަމަކު އެ ވީޑިއޯ އަށް ލައިކް ނުކުރުމާއި އެއީ ފުރާނަ އަށް ނުރައްކާވާ ކަހަލަ ކަންކަމަށް ދެވޭނެ ހިތްވަރެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ތިން ބުރީގެ އިމާރާތުން ފެނގަނޑެއްގެ ތެރެއަށް ވެނިސް އަށް ޗުއްޓީ އަށް ދިޔަ މީހަކު ހަމައެކަނި ބޮކްސާލައިގެން ފުންމާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެ މަންޒަރު ފެންނަ ވީޑިއޯ ވެސް ވަރަށް ބޮޑަށް ވައިރަލްވި އެވެ. އެއާ ގުޅިގެން މޭޔަރު އެ އިމާރާތް ހުރި ސަރަހައްދަށް ފުލުހުން ވެސް ފޮނުވި އެވެ. އެކަމަކު އިމާރާތުގެ މަތިން ފުންމާލި މީހާ އަކީ ސީދާ ކާކުކަން ކަށަވަރެއް ނުވެ އެވެ. އެހެންވެ އޭނަ އާއި އެ ވީޑިއޯ ކުރި މީހާ ވެސް ހޯދައި ހައްޔަރުކުރަން މޭޔަރު ވަނީ ފުލުހުންނަށް ގޮވާލައްވައިފަ އެވެ.

މޭޔަރު ވިދާޅުވީ ފަހަކަށް އައިސް އިޓަލީ އަށް ޗުއްޓީ އަށް ދާ މީހުންގެ ފަރާތުން ނޭދެވޭ ވަރަށް ގިނަ ކަންކަން ފެންނަ ކަމަށެވެ. އެކަމާ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.