Last Updated: April 25, 17:12
Thursday, April 25, 2024
ކުޅިވަރު

ކޮންޓޭ ޓޮޓެންހަމް ދޫކޮށްލައިފި

ޓޮޓެންހަމްގެ ކޯޗުކަމުން ވަކިވުމަށް އެންޓޯނިއޯ ކޮންޓޭ އެ ކްލަބާ އެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ކުރިން ޗެލްސީ އަށް ކޯޗުކަންކޮށްދިން ކޮންޓޭ ޓޮޓެންހަމް ދޫކޮށްލީ އެ ކްލަބަށް 16 މަސް ދުވަހަށް އިރުޝާދު ދިނުމަށްފަހު އެވެ. ޓޮޓެންހަމަށް ކޮންޓޭ އިރުޝާދު ދިން 76 މެޗުގެ ތެރެއިން މޮޅުވީ 40 މެޗުންނެވެ. އަދި 23 މެޗުން ވަނީ ބަލިވެފަ އެވެ.

ޓޮޓެންހަމުން ބުނީ ސީޒަނުގެ ބާކީ ބައިގައި އެ ޓީމަށް އިރުޝާދުދޭނީ ކޮންޓޭގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ކްރިސްޓިއަން ސްޓެލީނީ ކަމަށެވެ.

މި ސީޒަނުގެ ހުރިހާ ކަޕް މުބާރާތަކުން ޓޮޓެންހަމް ކަޓާފައިވާއިރު ޕްރިމިއާ ލީގުގެ ގަދަ ހަތަރެއް ހޯދައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު ޓޮޓެންހަމަށް އަދިވެސް އެބައޮތެވެ. ޓޮޓެންހަމް މިވަގުތު އޮތީ 49 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ.

ޓޮޓެންހަމަށް ކޮންޓޭ އެންމެފަހުން އިރުޝާދު ދިން މެޗުން އެޓީމު ވަނީ ސައުތެމްޓަންއާ ބައްދަލުކޮށް 3-3 އިން އެއްވަރެވެ. އެ މެޗަށް ފަހު ކޮންޓޭ ވަނީ ޓޮޓެންހަމްގައި ތިބީ އަމިއްލަ އެދުން ބޮޑު ކުޅުންތެރިން ކަމަށް ބުނެ ކުޅުންތެރިންނަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ. އެ މެޗަށްފަހު ކޮންޓޭ ވަނީ އިޓަލީ އަށް އަނބުރާ ގޮސްފަ އެވެ.