Last Updated: April 20, 17:32
Saturday, April 20, 2024
ކުޅިވަރު

ޗެލްސީ ދަނޑުގައި ރޯދަ ވީއްލުމެއް ބާއްވައިފި

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ޓީމު ޗެލްސީން ރޯދަ ވީއްލުމެއް ބާއްވައިފި އެވެ.

ޗެލްސީގެ ސްޓޭމްފޯޑް ބްރިޖް ސްޓޭޑިއަމްގައި ބޭއްވި މި ރޯދަ ވީއްލުން ޗެލްސީ ފައުންޑޭޝަނުން އިންތިޒާމުކުރީ ހިލޭ ސާބަހަށް މަސައްކަތްކުރާ އިނގިރޭސިވިލާތުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރަމަދާން ޓެންޓް ޕްރޮޖެކްޓް (އާރްޓީޕީ) ގުޅިގެންނެވެ.

މިއީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކުން މި ފަދަ ހަރަކާތެއް ރޭވި ފުރަތަމަ ފަހަރެވެ.

ލަންޑަނުގައި ދިރިއުޅޭ މުސްލިމް ކޮމިއުނިޓީގެ މެމްބަރުންނަށް ހުޅުވާލައިގެން ބޭއްވި މި ރޯދަ ވީއްލުމުގައި ބައިވެރިވި ފަރާތްތަކަށް ނަމާދު ކުރެވޭނެ އިންތިޒާމު ވެސް ދަނޑުގައި ހަމަޖައްސާފައި ހުރިއިރު ބަންގި ވެސް ގޮވީ ޗެލްސީގެ ދަނޑުގަ އެވެ. އެގޮތުން ބަންގި ގޮވީ އިމާމް އިމްރާން އަބޫ ހަސަން އެވެ.

މި އިވެންޓުގައި ގިނަ ބަޔަކު ބައިވެރިވިއިރު ޗެލްސީގެ ބައެއް އިސްވެރިން ވެސް މި އިވެންޓުގައި ބައިވެރިވެފައިވެ އެވެ.

ޗެލްސީން ބުނީ މިއީ އެކުވެރިކަމާއި އެއްބައިވަންތަަކަން އާލާކޮށް، ދެކޮޅުވެރިކަމާއި ނަފުރަތާއި ރުޅިވެރިކަން ނައްތައިލުމުގެ މަގުސަދުގައި އިންތިޒާމުކުރި ކަމެއް ކަމަށެވެ. ރޯދަ ވީއްލުން ބޭއްވީ އެ ޓީމުން ކުރިއަށް ގެންދާ "ނޮޓް ޓު ހޭޓް" ކެމްޕޭންގެ ތެރެއިންނެވެ.

ޗެލްސީ އަކީ މުސްލިމް ކުޅުންތެރިން ގިނަ އަދަދަކަށް ކުޅެމުން އަންނަ ޓީމެކެވެ.