މަރަކީ ކަނޑައެޅިފައިވާ ކަމެއް ކަމަށާއި އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބެން ޖެހޭކަމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނު ވިދާޅުވެއްޖެ އެވެ.
"މަރާއި މަރުހިއްޕެވުން" މި މައުޟޫޢަށް ރޭ އޮތް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ ކިތަންމެ ވަރަކަށް ރައްކާތެރިވެގެން ތިބިކަމުގައިވިޔަސް މަރާއި ކުރިމަތިވާނެ ކަމަށެވެ.
އިންސާނުން ދުނިޔެއަށް އަންނަ ގޮތަށް ބައްލަވައި، ދިރުމާއި މަރާއި ދެމެދުގައި އިންސާނާއަށް ދިމާވާ ކަންތައްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލެއްވި އެވެ. އިންސާނާ މަރުވާ ވަގުތު ގޯސްކޮށް އުޅުނު އިންސާނާ، އޭނާ އަލުން ދުނިޔެއަށް ފޮނުއްވުމަށް އެދޭނެ ކަމަށާއި އެހެންނަމަވެސް ހެޔޮ ޢަމަލުކުރި އިންސާނާ މަރާ ބައްދަލުކުރާނީ ލުއި، ފަސޭހަކަމާއެކު ކަމަށް ވިދާޅުވި އެވެ.
މަރުވާ ހިނދު އިންސާނާ ތަޙައްމަލްކުރަންޖެހޭ ތަކުލީފުތަކަށް ބައްލަވަމުން ދަރަންޏަކީ އިންސާނާއަށް ސުވަރުގެ ނުވަދެވޭ ސަބަބެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ދުނިޔޭގައި އުޅޭއިރު މާތްﷲ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ކުރުމަށް ޑރ ޢަބްދުއްސައްތާރު ވަނީ އިލްތިމާސްކުރައްވާފަ އެވެ. ޚާއްސަކޮށް ދޫރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
މި މައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން މި ފޯރަމްގައި އައްޝައިޚް ފައްޔާޒް އަލީ މަނިކު ވަނީ މަރަކީ އެކަމާމެދު ވިސްނިއަސް އަދި ނުވިސްނިއަސް ކުރިމަތިވާނެކަމެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މަރުވާނެކަމާ މެދު އެއްވެސް ބަޔަކު ދެބަސް ނުވާ ކަމަށާއި ދެބަސްވަނީ މަރުވުމަށްފަހު ވާނީ ކިހިނެއްކަމާ މެދުގައި ކަމަށެވެ.
އެގޮތުން މަރުވާއިރު އިންސާނާއަށް ކަންކަން ކުރިމަތިވާގޮތާއި މަރުވުމަށްފަހު ދިމާވާ ކަންކަމަށް ވަރަށް ތަފްސީލުކޮށް ޤުރުއާނާއި ޙަދީޘުން މިސާލު ނަންގަވައި މި ފޯރަމްގައި ކިޔައިދެއްވި އެވެ.