Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

"ރަން ތާޖު" ގެ ބައިވެރިންނާ މިނިސްޓަރު ބައްދަލުކޮށްފި

ރާއްޖެ ޓީވީން ގެނެސްދޭން ފަށާފައިވާ "ރަންތާޖު ޤުރުއާން މުބާރާތު" ގެ ބައިވެރިންނާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި އެވެ.

މިނިސްޓަރު އެ މުބާރާތުގެ ބައިވެރިންނާ ބައްދަލުކުރެއްވީ އެވެ. "ރަން ތާޖު ޤުރުއާން" މުބާރާތަކީ އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރި މުބާރާތެކެވެ.

ބައިވެރިންނާ ބައްދަލުކުރައްވައި ޒާހިރު ވިދާޅުވީ ބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ އެ ބައިވެރިން މުބާރާތަށް ކުރައްވަމުންދާ މަސައްކަތް ބައްލަވައި، ބައިވެރިންނަށް ހިތްވަރުދެއްވައި ޝުކުރު އަދާކުރެއްވުން ކަމަށެވެ.

ވަރަށް ގިނަ ބައިވެރިންގެ ތެރެއިން ގަދަ 20 ބައިވެރިންގެ ތެރޭގައި ހިމެނުމަކީ ވަރަށްބޮޑު ކާމިޔާބީއެއް ކަމަށާއި މުބާރާތުން ވަކިވާން ޖެހުނަސް ހިތްވަރު އެލުވާނުލައި ކުރިއަށް ދިޔުމަށް މުބާރާތުގެ ބައިވެރިންނަށް މިނިސްޓަރު ވަނީ ނަސޭހަތް ދެއްވާފައިވެ އެވެ. މުބާރާތެއްގައި 1 ވަނަ އަށް ހޮވޭނީ ކޮންމެވެސް އެއް ބައިވެރިއެއްކަމަށާއި ނަމަވެސް މި މުބާރާތުގެ ގަދަ 20 ގައި ހިމެނުމަކީ ވެސް ވަނައެއް ކަމަށް ދެކެން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

މުބާރާތުގެ ކޮންމެ ބައިވެރިއަކު ވެސް ރަނގަޅު ވަނައެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަންޖެ ހޭކަމަށާއި ވަނަ ހޯދުމަށްޓަކައި އެ ކުއްޖަކަށް ކުރެވޭނެ އެންމެ ރަނގަޅަކަށް މަސައްކަތް ކުރުމަށް ވެސް މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. އަދި މުބާރާތް ނިމުނަސް، ނުވަތަ މުބާރާތުން ވަކިވާންޖެހުނަސް ކޮންމެ ބައިވެރިއަކަށް ވެސް މިނިސްޓްރީގެ ފުރުސަތު ހުޅުވިފައި ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ޤުރުއާން ކިޔަވައިދޭ ފަރާތްތައް ބޭނުންވާކަން ފާހަގަކުރައްވަމުން ރަށުގައި ތިއްބަވައިގެން ވެސް މި ފުރުސަތުގެ ބޭނުން ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ "ރަން ތާޖު" ޤުރުއާން މުބާރާތުގެ ބައިވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދިޔާއެއްގެ ގޮތުގައި "ފިޤްހުއްސުންނާ” ފޮތް ކޮންމެ ބައިވެރިއަކަށް ހަދިޔާކޮށްފަ އެވެ.

"ރަން ތާޖު" މުބާރާތް ކާމިޔާބުކުރާ މީހަކަށް 300،000ރ. ލިބޭނެ އެވެ.