Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

މި ސަރުކާރުން 17 މިސްކިތެއް ނިންމައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާތަނަށް 17 މިސްކިތެއް ނިންމައި ބޭނުން ކުރަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު 16 މިސްކިތެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި އެބަހުއްޓެވެ. އަދި އެ މިސްކިތްތައް ވެސް މާ ލަސްތަކެއް ނުވެ ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިމް މިނިސްޓްރީން ވަނީ އައްޑޫގައި ހަދަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ވެސް މިދިޔަ ހުކުރު ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ މި ސަރުކާރުން މިސްކިތްތައް ބިނާކުރަނީ ވެސް ހާއްސަ ޑިޒައިންތަކަށް ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގައި ވެސް، މިސްކިތަކީ އެރަ ށެއްގައި ހުންނަ އެންމެ ރީތި އެންމެ ފުރިހަމަ އިމާރާތެއްގެ ގޮތަށް ހެދުން އެއީ އަމާޒު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އަޅާ މިސްކިތްތައް ވަރަށް ތަފާތުވާނެ. ބަލާލީމަ އެއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ވިއްޔާ އެއީ 300 މީހުންގެ ޖާގައިގެ މިސްކިތެއްކަން. 500 މީހުންގެ ޖާގައިގެ މިސްކިތެއް ވިއްޔާ 500 މީހުންގެ ޖާގައިގެ މިސްކިތެއްކަން. އަޅުގަނޑުމެން 3 ޑިޒައިނެއް ތައްޔާރު މިކުރީ،" މިނިސްޓަރު ރާއްޖެ ޓީވީގައި ވިދާޅުވި އެވެ. "އެއީ 300 މީހުންނާއި، 500 އަދި 700ގެ ޖާގައިގެ. ވަރަށް ތަފާތުވާނެ، އަޅުގަނޑުމެން މިސްކިތްތައް އަޅާ ނިމޭ އިރު، ހުރިހާ މިސްކިތެއް ވެސް ހުންނާނި އޭސީ ކުރެވި، ސޯލާ ޕެނަލްއިން ކަރަންޓު ލިބޭ ގޮތަށް."

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވި އެއް ކަމަކީ ރާއްޖެ އަށް އަންނަ ތަރައްގީއާ އެއްވަރަށް މިސްކިތްތަކުން އެ ރީތިކަން ފެނިގެން ދިއުން ކަމަށެވެ.