Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ވަށައިގެން މީހުން އެނބުރުމަކީ ލީޑަޝިޕްގެ ރަމްޒެއް ނޫން

ވެރިކަމާއި ބާރު އޮންނަ ދަނޑިވަޅުގައި މީސްމީހުން ތިމާގެ ވަށައިގެން އެނބުރުމަކީ ތިމާގެ ލީޑަޝިޕްގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް ނޫން ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެމްބަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމާއި ބާރު ތިމާގެ އަތުގައި އޮންނަ އިރު، އޮއެވާއްޔެއްގެ ދޮށުގައި މަސް އަޅާފައި އޮންނަ ބީދައިން ތިމާގެ ވަށައިގެން މީހުން އެނބުރުމަކީ ތިމާގެ އިސްނެގުމާއި ލީޑަޝިޕް ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށެވެ.

"ހޭފަށަށް އޮއެވާލި އަރާއިރު ރޮނޑު ނޫން ހުރިހައި މަހެއް ފިލާނެ." އަލީ ވިދާޅުވި އެވެ.

އޭނަ އަކީ މި ފަހުން ރައީސަށާއި ސަރުކާރުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ މެމްބަރެކެވެ. އަދި ރައީސަށް ވެރިކަމުގެ ދައުރެއް ހޯދައި ދޭން އެމްޑީޕީއާ އެކީ ކޯލިޝަން ނަހަދައި، ޖޭޕީން ވަކިން ރިޔާސީ އިންތިހާބަށް ނުކުންނަން ޖެހޭ ކަމަށް އެންމެ ބޮޑަށް އެ ޕާޓީގެ ތެރެއިން ވަކާލާތު ކުރައްވަމުން ގެންދެވި އެއް ބޭފުޅަކީ ވެސް އަލީ އެވެ.

ސަރުކާރާ އެކީ 2018 ގައި ކޯލިޝަން ހެދި ޕާޓީތަކުގެ ތެރެއިން މިހާތަނަށް ކޯލިޝަން އާކުރަން ނިންމީ އަދާލަތު ޕާޓީ އެކަންޏެވެ. އެމްއާރްއެމުން އޮތީ އަދިވެސް އެކަމާ ގޮތެއް ނުނިންމަ އެވެ. އެކަމަކު މި ފަހަރު މުޅިން އަލަށް އެމްޑީޕީއާ އެކީ އެމްޑީއޭ އިން ކޯލިޝަން ހަދާފައިވެ އެވެ.

ރައީސް ސޯލިހަކީ ކާމިޔާބުކަމާ އެކީ ކޯލިޝަން ދަމަހައްޓަވައި، ގިނަ ބަޔަކާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމުގެ ގާބިލިއްޔަތާއި ރޫހާއި ޖޯޝް ހުންނެވި ވަރުގަދަ ލީޑަރެއް ކަމަށް ސިޔާސީ ބައެއް ބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، މި ފަހުން ރައީސަށް އަމާޒުވާ ފާޑުކިޔުންތައް ގިނަ އެވެ.