Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އަމާޒަކީ ޕޯޓް ސިޓީ އަށް އަވަހަށް ބިން ހިއްކުން

މިނިސްޓަރު ފައްޔާޒް އިސްމާއިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - ފޮޓޯ: ރައީސް އޮފީސް

އިހަވަންދިއްޕޮޅު ޕޯޓްސިޓީގެ މަޝްރޫއު ފަށަން ބޭނުންވާ ބިން ހިއްކަން އަވަހަށް ފެށުމަކީ ސަރުކާރުގެ އަމާޒު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ މި މައްސަލައިގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ސަލީމް ކުރެއްވި ސުވާލުގައި ބުނެފައިވަނީ އިހަވަންދިއްޕޮޅުގައި ޓްރންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީކުރެވެންދެން އެ ސަރަޙައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ހިދުމަތްތައް ދިނުމަށް މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކަކީ ކޮބައިތޯ އާއި އަދި އެ ޚިދުމަތްތައް ދެވެން ފެށޭނެކަމަށް މިހާރު ކަނޑައަޅުއްވާފައިވާ ތާރީހަކީ ކޮބައިތޯއެވެ.

އެސުވާލަށް ލިޔުމުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ޖަވާބުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ޓްރާސްޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ހިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މިނިސްޓްރީން ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާކަން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އެ ސަރަހައްދުގައި އެންމެ ފުރަތަމަ ހިދުމަތްތައް ފަށައިގަންނައިރު ކްރޫ ޗޭންޖް، ޝިޕްސަޕްލައިސް އަދި ބަންކަރިންނަށް ފޯކަސް ކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި މި ހިދުމަތްތައް ފަށައިގަތުމަށް، މިހާރު އަމަލުކުރަމުންދާ ގަވައިދުތަކަށް ގެންނަޖެހޭ ބަދަލުތައް ދިރާސާކުރެވި، އެ ގަވައިދުތައް އިސްލާހުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ. މީގެއިތުރުން މިނިސްޓަރު ފައްޔާޒްގެ ޖަވާބުގައި ބުނެފައިވަނީ އެތަނުގައި އެސްޓިއޯއިން ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި ބައިނަލްއަޤްވާމީ ތެޔޮ ކުންފުނިތަކާ މަޝްވަރާކޮށް އެކަމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުން ގެންދާކަމަށެވެ.

އިހަވަންދިއްޕޮޅުގައި ޕޯޓްސިޓީގެ މަޝްރޫއެއް ސަރުކާރުން ރާވާފައިވާކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ޕޯޓްސިޓީގެ ކަންކަން އިންތިޒާމުވެ ތަރުތީބުވެގެން އަންނައިރު ހުރިހާ ހިދުމަތްތައް ޕޯޓްސިޓީގެ މަޝްރޫއުގެ ތެރެއިން ފޯރުކޮށްދެވޭނެ ހިދުމަތްތަކަށް ވާނެ ކަމަށެވެ. އަދި ޕޯޓްސިޓީގެ ފުރަތަމަ ފޭޒްއަށް ބޭނުންވާނެ ބިން އަވަސް މުއްދަތެއްގެ ތެރޭގައި ހިއްކާ، ބިން ހިއްކުމަށްފަހު އެންމެ އަވަހަށް އެތަނުން ފޯރުކޮށްދޭން ފަށާނެ ހިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖް އަދި ޝިޕްސަޕްލައިސް ފަދަ ހިދުމަތްތަކަށް ވެގެންދާނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ސަރުކާރުގެ މިހާރުގެ އަމާޒަކީ އިހަވަންދިއްޕޮޅު ޕޯޓްސިޓީގެ މަޝްރޫއު ފަށައިގަތުމަށް ބޭނުންވާ ބިން ހިއްކުމަށް އަވަހަށް ފަށާ، އިހަވަންދިއްޕޮޅުގެ ސްޓްރެޓީޖިކް ލޮކޭޝަން އެޑްވާންޓޭޖްގެ ތެރެއިން ދެވެންފެށޭނެ ހިދުމަތްތައް ޕޯޓް ސިޓީ މަޝްރޫއުގެ ތެރެއިން ދެމެހެއްޓިނިވި އަދި ކޯސްޓް އިފެކްޓިވް ގޮތެއްގައި ދިނުމަށް ވީހާވެސް އަވަހަށް ފެށުމަށް ކަމަށެވެ. އަދި މިކަން މިގޮތަށް ކުރިއަށް ގެންދާއިރު، ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، ހިދުމަތްތަކުގެ ޕްރޮސެސް އަވަސް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދަމުންދާ ކަމަށެވެ.