Last Updated: May 13, 06:36
Tuesday, May 13, 2025
ޚަބަރު

މޮޓޯކޭޑަށް ހުރަސް އެޅުން: ކޮމިޓީ ބައްދަލުވުން ސިއްރު

މެންބަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާގެ މޮޓީކޭޑަށް ހުރަސް އެޅި މައްސަލައިގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

241 ކޮމިޓީގެ ބައްދަލުވުން ފައްޓަވައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެންމެ ފަހުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމި ގޮތަށް އެ ހާދިސާގެ މައުލޫމާތު ހޯދުމަށް ފުލުހުން އަދި ޑިފެންސް މިނިސްޓްރީގެ ކިބައިން އެދިފައިވާ ކަމަށެވެ.

އެގޮތުން 22 މާޗުގައި ފުލުހުން އެ ސިޓީއަށް ޖަވާބު ދީފައިވާ ކަމަށާއި އަދި ޑިފެންސް މިނިސްޓްރީން ޖަވާބު ދީފައިވަނީ 26 މާޗުގައި ޖަވާބު ދީފައިވާ ކަމަށެވެ. އަދި އެ ދެ ޖަވާބުގެ މައްޗަށް ބްރީފިންއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފުލުހުންގެ ސިޓީއަކީ ސިއްރު ސިޓީއެއް ނޫން ކަމަށާއި އެހެންނަމަވެސް ޑިފެންސް މިނިސްޓްރީން ފޮނުވާފައިވާ މައުލޫމާތުތަކަކީ ސިއްރު މައުލޫމާތުތަކެއް ކަމަށެވެ. އެހެންކަމުން ކޮމިޓީން ފާސްކުރުމުން އެހިސާބުން ފެށިގެން ކޮމިޓީގެ ބައްދަލުވުންވަނީ ސިއްރު ކޮށްފައެވެ.

ޕީޕީއެމުން ބޭއްވި މުޒާހަރާގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅާ ސެކިއުރިޓީ ފަހަނައަޅާ ގޮސް ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވެއެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރިވެފައިވެއެވެ. މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އެޅުމުން ރައީސް އިންނެވި ކާރުކޮޅު އެ ސަރަހައްދުން ދުރަށް ގެންދެވިފައިވަނީ އިރުކޮޅެއް ފަހުންނެވެ.

މިކަމާ ގުޅިގެން ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ރައީސްގެ ސެކިއުރިޓީ ޔުނިޓް ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމާންޑަރު އިބްރާހިމް ހަލީމާ ވަނީ ހަވާލުކޮށްފައެވެ. މިއީ މިފަދަކަމެއް ދިމާވުމުން އެމްއެންޑީއެފް ގައި އަމަލުކުރަމުން އަންނަ ޕުރޮސީޖާތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަޅާފައިވާ ފިޔަވަޅެކެވެ.

މި މައްސަލަ ބެލުމަށް އެމްއެންޑީއެފުން ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މި ކޮމެޓީއަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ލީޑަރޝިޕްގެ މަޝްވަރާގެ މަތިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އުފައްދަވާފައިވާ ހާއްސަ ކޮމެޓީއެކެވެ.