Last Updated: April 24, 11:01
Wednesday, April 24, 2024
ޚަބަރު

ނަޝީދު މަޖިލިސް ހިންގަވާ ގޮތުން ބޯހަލާކުވާ ވަރުވޭ

މެންބަރު ރޮޒައިނާ އާދަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރު ހިންގިގޮތާ ރައްޔިތުންގެ މަޖިލިސް މިހާރު ހިންގާގޮތާ އެއްވެސް ތަފާތެއް ނެތްކަމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި އަދި ރެގިއުލޭޓްކޮށް މޮނިޓަރކުރެވޭނެ ޤާނޫނެއް އެކުލަވާލުމަށް އެދި ގޮވާލާ ޤަރާރަށް ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ މިފަދަ ގަރާރުތައް މަޖިލީހުގައި ގިނަވެފައިވަނީ ޕްރައިމަރީގައި އެ ބޭފުޅުން ތާއީދުކުރި ފަރާތް ބަލިވުމުން ކަމަށެވެ. އަދި މަޖިލީހަށް އެކި ނަންނަމުގައި އެއްޗެހި ހުށަހަޅަނީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް ފާޑުކިޔުމަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރައިސް މުހައްމަދު ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ މެންބަރުންނަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ އެބޭފުޅުންނާ ޖެހުމުން ޕްރައިމަރީން ބަލިވާ ކެނޑިޑޭޓް ކާމިޔާބުވާ ކެނޑިޑޭޓުގެ ފަހަތަށް އެރުންވެސް ނޯންނަ ކަމަށާއި، އަދި ޕާޓީގެ އަސާސީގަވައިދާއި ޕާޓީގެ ގައުމީ މަޖިލީހުގެ ނިންމުންތައްވެސް ނޯންނަކަމަށެވެ.

"މި ކުޅިވަރުކުޅޭ ތަނަކަށް ރައްޔިތުންގެ މަޖިލިސް ހަދައިގެން، މިތަނުގަ ރައްޔިތުންގެ މަޖިލީހުގެ ވަގުތު ބޭކާރުކުރަމުންދާކަން މިއީ ވަރަށް ދެރަކަމެއް." ރޮޒައިނާ ވިދާޅުވިއެވެ.

މަޖިލިސް ހިންގަމުން އަންނަގޮތަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ކުއްލި މައްސަލަ ހުށަހެޅުމުގައިވެސް ބަލަންޖެހޭ ބެލުންތައް މިހާރު މަޖިލީހުގެ ރިޔާސަތުން ނުބަލާ ކަމަށާއި މަޖިލީހުގެ ކޮމިޓީތަކުން ނިންމާ ނިންމުންތައް ތަޅުމުން ފާސްނުކޮށް އަމަލުކުރަންވެސް ޖެހިފައިވާ ކަމަށެވެ.

"މި މަޖިލީހުގެ އުސޫލަކީވެސް، މި މަޖިލީހުގެ ގަވައިދަކީވެސް އެދުވަހު މި މަޖިލީހުގެ ރައީސް ހެނދުނު ތެދުވެވަޑައިގަންނަވައިގެން، އެެއީ މަޖިލީހުގެ ގަވައިދުކަމަށް އުސޫލުކަމަށް ނިންމަވާ ކަމެއް. ކުރީގަ ރައީސް ޔާމީން ސަރުކާރު ހިންގިގޮތެކޭ މިހާރު މި މަޖިލިސް ހިންގާ ގޮތެކޭ ހަމަ އެއްވެސް ތަފާތެއް ނެތް. ބޯހަލާކުވާވަރުވޭ، ޑިމޮކްރަސީގެ ބައްޕައޭ ކިޔައިގެން އިންނަވާ ބޭފުޅަކު ތިގޮނޑީގައި އިންނަވައިގެން ކޮންމެ ދުވަހަކު މިތާގައި ހާވާ ހަޑިން." ރޮޒައިނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ ބޮޑެތި ފާޑުކިޔުން މިފަހަކަށް އައިސް މަޖިލީހުގެ ރިޔާސަތަށް އަމާޒުވެއެވެ.