Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

އައްޑޫ ޕޮލިސް ކޮލެޖަށް އަހަރެއް

އައްޑޫ ޕޮލިސް ކޮލެޖަށް އަހަރެއްވުމާ ގުޅިގެން އެކަން ފާހަގަކޮށްފި އެވެ.

އެކަން ފާހަގަކުރަން އެތަނުގައި ރޭ ވަނީ ދިދަ ނެގުމުގެ ހާއްސަ ހަފުލާއެއް ވެސް ބާއްވައިފަ އެވެ. އެ ހަފުލާގައި ޕޮލިސް ކޮލެޖުގެ ވެރިންނާއި އައްޑޫގެ އެކި އަވަށްތަކުގައި މަސައްކަތްކުރާ ފުލުހުންނާއި އެތަނުގައި މިހާރު ކުރިއަށްދާ ފުލުހުންގެ ދެވަނަ އަސާސީ ޓްރެއިނިން ކޯހުގެ ދަރިވަރުން ވެސް ބައިވެރިވި އެވެ.

ނެޝަނަލް ކޮޮލެޖް އޮފް ޕޮލިސިން އެންޑް ލޯއެންފޯސްމަންޓްގެ ނަމުގައި އައްޑޫ ޕޮލިސް ކޮލެޖް ހުޅުވީ މާޗް 27، 2022 ގަ އެވެ. އެތަން ހުޅުވަން ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގައި ބާއްވައި އެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އައްޑޫ ލިންކް ރޯޑްގައި ހުރި މި ޕޮލިސް ކޮލެޖަކީ ފުލުހުންގެ އެންމެ ބޮޑު އިންފްރާންސްޓްރަކާޗް އެވެ. މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ހެދި ތަނެކެވެ. މި ތަނަކީ އަކީ ހިތަދޫގައި ކުރިން ހުރި ފުލުހުންގެ ޓްރެއިނިން ސްކޫލް ފެބްރުއަރީ 8، 2012 ގައި އަންދައިލުމާ ގުޅިގެން އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ހިންގައިދޭން ނިންމި މަޝްރޫއެކެވެ.

އައްޑޫ ޕޮލިސް އެކެޑެމީއާ ބެހޭ މުހިއްމު ބައެއް ކަންކަން:

* އެކަޑެމީއެއް ހަދަން އެމްއޯޔޫއެއްގައި ސޮއިކުރީ ސެޕްޓެމްބަރު 26، 2012 ގައި
* ޕޮލިސް އެކެޑަމީ ހަދަން ރަސްމީކޮށް ނިންމިކަން އިއުލާންކުރީ އޭޕްރީލް 6، 2014 ގައި
* މަޝްރޫއު އިއުލާންކުރީ މަސައްކަތް ފަށާތާ 18 މަހުގެ ތެރޭގައި ނިންމާ ގޮތަށް
* އެކަޑެމީ ކައުންސިލުން ބިން ހަމަޖައްސައި ބިން ހަވާލުކުރީ 2016 ގެ ފަހުކޮޅު ކުރީކޮޅު
* ބިން ދޫކުރި ސަރަހައްދުގެ މޫދާވީ ފަޅިން ބައެއް ހިއްކައި، އެތަނުގައި ވަނީ ރިވެޓްމަންޓް ޖަހާފައިވޭ
* ޕޮލިސް އެކަޑެމީގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ފަދަ ވަސީލަތްތައް ހިމެނޭ

ސަރުކާރުން ބުނެފައިވާ ގޮތުގައި ޕޮލިސް ކޮލެޖު ހިންގުމުގެ ހުރިހާ ޒިންމާއެއް އަދާކުރަނީ ދިވެހި ސަރުކާރުންނެވެ.