Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ވިނަރެސްގައި ޕޮއިންޓް އެއްވަރުވުމުން ގުރުލަނީ

އެޗްޑީސީ މައި އޮފީސް، ހުޅުމާލެ / ފޮޓޯ: އައްޑޫލައިވް

ވިނަރެސް މަޝްރޫޢޫއިން އެޕާޓްމެންޓް ގަތުމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެއްވަރަކަށް ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތަރުތީބު ކަނޑައަޅާނީ ގުރުލައިގެން ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ކުރި އިއުލާނުގައި ބުނެފައިވަނީ، މިދިޔަ ފެބްރުއަރީ މަހު އާންމުކޮށްފައިވާ ލިސްޓަކީ ހައުސިންގް މިނިސްޓްރީގެ މިންގަނޑުތަކާއި އެއްގޮތަށް މުރާޖަޢާކޮށް ޕޮއިންޓް ދެވިފައިވާ ލިސްޓެއް ކަމަށެވެ. އަދި މި ލިސްޓުގައި ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ ތަރުތީބު ކަނޑަޅާނީ ގުރުއަތު ލައިގެން ކަމަށް އެޗްޑީސީން ހާމަކުރެއެވެ. މިއާއެކު ގުރުލުން މިމަހުގެ 29 ވަނަ ދުވަހު އޮންނާނެ ކަމަށް އެކުންފުނިންވަނީ ހާމަކޮށްފައެވެ.

ވިނަރެސް ފްލެޓްތަކުގެ ބުކިންގް ފީ ނެގުމާއި، ފްލެޓް އިހުތިޔާރު ކުރުމުގެ މަރުހަލާ ކުރިއަށްދާނީ ޕޮއިންޓް އެއްވަރުވި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަށް ފަހު ކަމަށް އެޗްޑީސީން ހާމަކުރެއެވެ. ގުރުއަތުލުން އެޗްޑީސީގެ އެކުންފުނީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ދެ ކެޓަގަރީންވެސް މަދުވެގެން ފަސް ފަރާތަކަށް އޮބްސާވް ކުރުމަށް ފުރުސަތު ދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނި ގޮތުގައި، މައި އެޕްލިކެންޓް އަދި ކޯ އެޕްލިކެންޓުގެ ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމެނިފައިވާ ފަރާތްތައް އަދި ދެމަފިރިންގެ ތެރެއިން ވަކިވަކިން ފޯމް ލާފައިވާ ފަރާތްތަކުގެ ތެރެއިން، އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އީމެއިލްކޮށް އަދި އެޕްލިކޭޝަން ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ފަރާތްތައް ލިސްޓުން މިހާރު ވަނީ އުނިކުރެވިފައި ކަމަށެވެ. މީގެ އިތުރުން ދާއިމީ ލިސްޓު އާންމުކުރުމަށް ފަހު އެޕްލިކޭޝަން ދޫކޮށްފައިވާ ފަރާތްތަކަށް ދެވަނަ ފަހަރަށް އެޕްލިކޭޝަނާއިގެން ކުރިއަށް ނުދެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ވިނަރެސް ފްލެޓްތަކާއި ގުޅޭ އެއްވެސް ކަމެއްގައި އެކުންފުނިން މުޢާމަލާތު ކުރާނީ އެކުންފުނީގެ ހޮޓަލައިން ނަމްބަރު 3353535 އިން ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން އެއްވެސް މޯބައިލް ނަމްބަރަކުން ނުގުޅާނެ ކަމަށާއި އެއްވެސް އެސްއެމްއެސް ލިންކެއްވެސް އެކުންފުނިން މަޝްރޫޢުގެ އެއްވެސް ކަމެއްގައި ނުފޮނުވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.