Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ތިން މަހުން ރާއްޖެ އަށް ބައި މިލިއަން ޓޫރިސްޓުން

2023 ވަނަ އަހަރު ރާޢްޖެއަށް އައި ފުރަތަމަ ފަތުރުވެރިން / ފޮޓޯ: އެމްއޭސީއެލް

މިއަހަރު ފުރަތަމަ ތިން މަހު އައި ޓޫރިސްޓުންގެ އަދަދު ބައިމިލިއަނުން މައްޗަށް އަރައިފި ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިއީ މިދިޔަ އަހަރު މިމުއްދަތާއި އަޅާ ބަލާއިރު 91،000 ޓޫރިސްޓުން އިތުރު އަދަދެކެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 500،597 މީހުން ރާއްޖެ ވަނީ ޒިޔާރަތް ކޮށްފައެވެ. މިދިޔަ އަހަރު މި މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ 409،426 ޓޫރިސްޓުންނެވެ. މިއީ 22.3 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރު ޖެނުއަރީ މަހު ރާއްޖެއަށް 172،499 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. އަދި ފެބްރުއަރީ މަހު 177،915 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ ދެ އަހަރާއި އަޅާ ބަލާއިރު ވެސް އިތުރު އަދަދުތަކެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް ބައި މިލިއަން ޓޫރިސްޓުން އައުމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރ މައުސޫމް ވަނީ މިދަނީ މިއަހަރަށް ކަނޑައެޅި އަމާޒާއި އެއްގޮތަށް ކަމަށް ވިދާޅުވެ ސިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ.

ރާއްޖެއަށް މި އަހަރު މިހާތަނަށް އައި ފަތުރުވެރިންގެ ތެރެއިން މާކެޓުގެ އެންމެ ބޮޑުބައި ހިއްސާ ކުރަނީ 12 އިންސައްތައާއި އެކު ރަޝިޔާ ޓޫރިސްޓުންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން މިހާރު އަންނަމުންދަނީ މިދިޔަ އަހަރު މާކެޓުގެ އެއްވަނަ ނެގި އިންޑިއާއިންނެވެ. އަދި ކޯވިޑުގެ ކުރީން އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދިޔަ ޗައިނާ މިވަގުތު އޮތީ މާކެޓުގެ 8 ވަނައިގައެވެ. ޗައިނާގެ ބޯޑަރު ހުޅުވައި ޓޫރިސްޓުން ޒިޔާރަތް ކުރަން ފެށީ މިއަހަރުއެވެ.

ޓުއަރިޒަމް މިނިސްޓަރީން މިއަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ.