Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އައްްޑޫގައި އެކްސިޑެންޓްވި މީހާ މާލެ ފޮނުވަނީ

މިއަދު ހަވީރު އެމްބިއުލާންސަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ބޮލަށް ލިބުނު އަނިޔާއަކަށް ފަރުވާ ދިނުމަށް މާލެ ފޮނުވަން ނިންމާފައިވާ ކަމަށް އޭއީއެޗްއިން ހާމަކޮށްފިއެވެ.

މިއަދު އިރުއޮށްސެން ދަނިކޮށް ހިތަދޫ ބޮޑުމަގުން ސައިރެން އަޅައިގެން ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި ހިންގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 18 އަހަރު ޒުވާނަކަށެވެ. މި އެކްސިޑެންޓުގައި އޭނާގެ ގައިގެ ތަންތަން މަށައިގެން ގޮސް ކުދި އަނިޔާ ލިބިފައިވާ ކަމަށް މީގެ ކުރިން އޭއީއެޗްއިން ވަނީ ބުނެފައެވެ. ނަމަވެސް ފަހުން ހެދި ސީޓީ ސްކޭނުން އޭނާގެ ސިކުންޑިއަށް ލޭ އެޅިފައިވާކަން އެނގިފައިވާ ކަމަށް އޭއީއެޗްއިން މައުލޫމާތު ދެއެވެ. މިކަމާއި ގުޅިގެން އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިއަދު ހަވީރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ފިރިހެނަކަށެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިރެން އަޅައިގެން ބާރަށް އައި އެމްބިއުލާންސާއި އެވަގުތު ގޯޅި އެޅަމުން ދިޔަ ސައިކަލެއް ޖެހިކަމަށް މަންޒަރު ދުށް ފަރާތެއް އައްޑޫލައިވްއާއި ހިއްސާކުރިއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ބޮޑުމަގު ލިބޭ ފިހާރަ ކައިރިންނެވެ.

މިހާދިސާއާއި ގުޅިގެން އޭއީއެޗްއިން ބުނީ ހާދިސާ ހިނގި ވަގުތު އެމްބިއުލާންސްއާއި ސައިރެން އަޅައިގެން ކަމަށެވެ. އަދި އޭރު އެމްބިއުލާންސް ދިޔައީ އެކްސިޑެންޓް ސީން އަކަށް މީހަކު ނަގަން ކަމަށް އޭއީއެޗްއިން ބުނެއެވެ.

މަގުމަތީގައި އުޅަނދުތައް ދުއްވާއިރު ސައިރެން އަޅަގައިން ނުވަތަ ބީކަން އަޅައިގެން ދުއްވާ އެމްބިއުލާންސް، ފުލުހުންގެ އުޅަނދު، އަލިފާން ނިއްވާ އުޅަނދު ނުވަތަ އެހެނިހެންވެސް ހުއްދަ ދީފައިވާ ސަލަމާތީ އުޅަނދެއްގެ އަޑު އިވިއްޖެ ނަމަ ހިނގާ މީހުންނާއި އެއްގަމުގެ ދުއްވާ އުޅަނދުތަކުން އެއް ފަރާތައް ޖެހި އެއުޅަނދަކަށް ތަން ދޭން ޖެހޭނެ ކަމަށް އެއްޤަމު އުޅަނދު ދުއްވުމުގެ އާންމު ޤަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކުރެއެވެ.