Last Updated: April 25, 11:51
Thursday, April 25, 2024
ދުނިޔެ

ސްކޫލެއްގައި ބަޑި ޖަހައި 6 މީހަކު މަރާލައިފި

އެމެރިކާގެ ސްކޫލަކަށް ބަޑި ހިފައިގެން މީހަކު ވަދެ ހަ މީހަކު މަރާލައިފި އެވެ.

އެމެރިކާގެ ނޭޝްވިލްގައި ހިންގަމުންދާ ޕްރައިވެޓް ސްކޫލަކަށް ދިން މި ހަމަލާގައި މަރުވެފައިވަނީ 9 އަހަރުގެ ތިން ކުޑަކުދިންނާއި 61 އަހަރުގެ ދެ މީހަކާއި 60 އަހަރުގެ މީހެކެވެ.

މި ހަމަލާ ދީފައިވަނީ އުމުރުން 28 އަހަރުގެ އަންހެނެކެވެ. ފުލުހުން ވަނީ މި ހާދިސާ ހިނގި ސަރަހައްދުގައި އޭނާ މަރާލާފަ އެވެ. އޭނާ މި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ ދެ ރައިފަލް އަދި ޕިސްޓަލް އެކެވެ. މި ހަމަލާ އޭނާ ދިން ސަބަބެއް އެނގިފައެއް ނުވެ އެވެ.

މިއީ އުމުރުން ތިން އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.

އެމެރިކާގައި ސްކޫލްތަކާއި އާންމު ތަންތަނަށް ބަޑި ހިފައިގެން ވަދެ އާންމުން މެރުމަށް ހިންގާ ޖަރީމާތައް އިތުރުވެފައިވާއިރު ހަތިޔާރު ގެންގުޅުން ކޮންޓްރޯލް ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ކޮންގްރެސް އަށް ގޮވާލާފަ އެވެ.