Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

އަމްރު ވަކިކުރީ ސަރުކާރަށް ގޮތް ހުސްވެގެން

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު މަގާމުން ވަކިކުރީ ސަރުކާރަށް މިހާރު ގޮތްވެގެން ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އެކަމަށް ފާޑު ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވައި އެސްޓީއޯގެ އެމްޑީ މަގާމުން ވަކިކުރީ ސަރުކާރަށް ގޮތް ހުސްވެގެން ކަމަށާއި މި ސަރުކާރު މިހާރު ނިމެނީ ކަމަށެވެ.

"ދެވަނަ ދައުރެއް މި ސަރުކާރަށް ނުދިނުމަށް އެމްޑީޕީގެ ތެރެއިން މަސައްކަތްކުރާ ސަބަބު ދެނަގަނެ، އާންމުން އެކަމުން އިބުރަތް ވެސް ލިބިގަންނާނެ." އާދަމް ޝަރީފު ވިދާޅުވި އެވެ.

އަމްރު މަގާމުން ވަކިކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އޭނަ އަކީ މިހާރު އެމްޑީޕީ ތެރޭގައި "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ފެކްޝަނަށް މަސައްކަތްކުރައްވަމުން ގެންދަވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފަޅީގައި ހުންނެވި ބޭފުޅެކެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރެއްވި އިރު، އަމްރު ތާއީދުކުރެއްވީ ވެސް ނަޝީދަށެވެ.

ނަޝީދުގެ ފަޅިން މިހާރު ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިގެން ސިޔާސީ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާކުރަން މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމެއްގައި ވެސް އަމްރު ނަޝީދުގެ ފަރާތުން ބައިވެރިވެވަޑައިގަތެވެ.

ޖޭޕީން ނިންމާފައި އޮތީ ރައީސަށް ތާއީދު ނުކޮށް ވަކިން ރިޔާސީ އިންތިހާބަށް ނުކުންނާށެވެ.