Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މުރައިދޫ ބަނދަރު މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

ހއ. މުރައިދޫ ބަނދަރު މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ސައިޓަށް ގެންދެވިފައިވާ ކަމަށާއި އައު ހާބަރ ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ބަނދަރާއި ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި، ވޯރކްވޭ ބްރިޖެއް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެއެވެ.

ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 34.28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.