Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަން އޮންލައިންކޮށް

ވޯޓް ލާ މަރުކަޒެއްގައި ހުރި ވޯޓާސް ލިސްޓެއް ބަޔަކު ބަލަނީ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަން އޮންލައިން ކުރަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "ދައުރު" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައި ވަނީ މި އަހަރުގެ އިިންހާބަށް އަލަށް ކުރާނެ ކަމަކީ ރީ-ރަޖިސްޓްރޭޝަން އޮންލައިން ކުރުން ކަމަށާއި މީގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި އެކަމަށް ހާއްސަ ޕޯޓަލްއެއް ތައާރަފުކުރާނެ އެވެ.

ރީ-ރަޖިސްޓްރޭޝަނަށް ހުޅުވައިލަން ނިންމާފައި ވަނީ ޖުލައި 16 އިން އޮގަސްޓް 5 އަށެވެ.

ފުއާދު ވިދާޅުވި ގޮތުގައި އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ނަމަވެސް އެގޮތް އުނދަގޫވާ މީހުންނަށް ކުރިއެކޭ ވެސް އެއްގޮތަށް އީސީ އަށް ފޯމް ހުށަހަޅައިގެން ރީ-ރަޖިސްޓްރޭޝަން ކުރިއަށް ގެންދެވޭނެ އެވެ.

އީސީން ބުނީ ރީ-ރަޖިސްޓްރީ ޕޯޓަލް އަކީ ރައްކާތެރި އަދި އިތުބާރު ކުރެވޭ އެއްޗަކަށް ވާނެ ކަމަށެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ ލައިވް ފޮޓޯއެއް ސިސްޓަމަށް އަޕްލޯޑްކޮށްގެންނާއި އައިޑީ ކާޑުގެ މައުލޫމާތާއި ޒާތީ އެހެން ވެސް މައުލޫމާތުތައް އެންޓާކޮށްގެންނެވެ. އަދި ޕޯޓަލްއަށް ވަނުމަށް ވެސް ވެރިފިކޭޝަން މަރުހަލާތަކެއް ހުންނާނެ ކަމަށާއި އެ އާންމު ކުރުމުގެ ކުރިން އޭގެ ސެކިއުރިޓީ އޮޑިޓެއް ހަދާނެ ކަމަށް އީސީން ބުންޏެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.