Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

އަފްގާންގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި

އަފްގާނިސްތާންގެ އަންހެން ކުދިންނަށް ތައުލީމު ހޯދައިދޭން މަސައްކަތްކުރާ އެ ގައުމުގެ މަޝްހޫރު އެކްޓިވިސްޓެއް ކަމަށްވާ މަތީއުﷲ ވެސާ ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ތާލިބާން ސަރުކާރުން، 30 އަހަރުގެ އެކްޓިވިސްޓް ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކާބުލްގެ މިސްކިތަކުން ނުކުތްތަނާ ކަމަށެވެ. އަދި އޭނަގެ ގެ ވެސް ރެއިޑްކޮށްފައިވެ އެވެ. މަތީއުﷲ ހައްޔަރުކޮށްފައި ވަނީ އޭނަ ކުރާ މަސައްކަތުގެ ސަބަބުން މަރުގެ އެތައް އިންޒާރަކާއި ހައްޔަރުކުރާނެކަމުގެ އެތަކެއް އިންޒާރުތަކެއް ވެސް ލިބެމުން ދަނިކޮށެވެ.

އޭނަ މިހާތަނަށް އަފްގާނިސްތާންގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް، އަންހެން ކުދިންނަށް ތައުލީމުގެ ފުރުސަތު ހޯދައި ދިނުމާ ގުޅޭ އެތައް ކެމްޕޭނެއް ހިންގާފައިވެ އެވެ. މަތީއުﷲ އެ މަސައްކަތް ކުރަނީ އެކަމަށް ހާއްސަކޮށްގެން އޭނަ ހިންގަމުން އަންނަ ޗެރިޓީ، "ޕެން ޕާތު" މެދުވެރިކޮށެވެ. އޭގައި ވޮލަންޓިއަރުންގެ ގޮތުގައި 2،400 އަށް ވުރެ ގިނަ މީހުން މަސައްކަތްކުރެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ތާލިބާންގެ އަތްދަށަށް އަފްގާނިސްތާން ދިޔަ ފަހުން އަންހެން ކުދިންނާއި އަންހެނުންގެ ތައުލީމަށް ވަރަށް ބޮޑަށް ހުރަސް އަޅައި، އެކަން ހުއްޓުވާފައިވެ އެވެ. އެގޮތުން އަންހެން ކުދިން ސްކޫލްތަކަށް ދިއުމާއި އަންހެނުން ޔުނިވަސިޓީތަކަށް ވެސް ދިއުން ވެސް ހުއްޓުވައި، ތައުލީމަށް މަސައްކަތް ކުރާ އެތައް ބައެއްގެ މަސައްކަތްތައް ވެސް ހުއްޓުވާފައިވެ އެވެ.

އެގޮތުން މިދިޔަ މަހުގެ ތެރޭގައި ޕްރޮފެސަރެއް ކަމަށްވާ އިސްމާއީލް މާޝަލް ހައްޔަރުކޮށްފައިވެ އެވެ. އަދި އޭނަ ދޫކޮށްލީ މި މަހުގެ 6 ގަ އެވެ.

މަތީއުﷲ ހައްޔަރުކުރާ ގުޅިގެން އަފްގާނިސްތާންގައި ހަރަކާތްތެރިވާ އދ. ގެ މިޝަންތަކުން ކަންބޮޑުވުން ފާޅުކޮށް، އޭނަ ދޫކޮށްލަން ގޮވާލާފައިވެ އެވެ.