Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

މަގު ކޮނުމުގެ ތެރޭގައި މީދޫ ގެއެއްގެ ފާރު ވެއްޓިއްޖެ

މީދޫ ފާރު ވެއްޓުނު ގެ / ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓުގެ ދަށުން މަގު ކޮނުމުގެ ތެރޭގައި މީދޫގެ ގެއެއްގެ ފާރު ވެއްޓި ގޭގެ އިމާރާތަށް ގެއްލުން ވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. މިކަމާއި ގުޅޭގޮތުން އައްޑޫލައިވްއާއި ވާހަކަ ދައްކަވަމުން މީދޫ ކައުންސިލަރ އާމިނަތު ސާލިހާ ވިދާޅުވީ، އެގޭގެ ފާރު ވެއްޓިގެން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، އެގެއަކީ މީހުން މިވަގުތު ދިރިއުޅޭ ގެއެއްކަން ނޫން ކަމަށެވެ.

މިހާދިސާގައި ފާރު ވެއްޓިފައިވަނީ ސ.މީދޫ ސޯސަންގޭގެ ފާރު ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި ގޭގެ އިމާރާތަށް ފާރު ވެއްޓުމުގެ ސަބަބުން ވަރަށް ބޮޑަށް ވަނީ ގެއްލުން ލިބިފައިވާކަން ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ފޮޓޯ ތަކުން ފެނެއެވެ.

އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓުގެ ދަށުން މީގެ ކުރީންވެސް މިފަދަ ހާދިސާތައް ހިނގާފައިވެއެވެ. މިކަމާއި ގުޅޭގޮތުން ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސޯދިޤް، ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ކުރީން މިގޮތަށް ވެއްޓިދާނެހެން ހީވާ އިމާރާތުގެ ބައެއް ނުވަތަ ފާރެއް ހުރި ނަމަ އެގެއެއްގެ ބަޔަކަށް ނުވަތަ ކައުންސިލްއަށް އެކަން ކުރިއާލާ އަންގާ ކަމަށެވެ.

އަދި އާންމު އުސޫލުން މިފަދަ ހާސާއެއްގައި ހިނގައިފިނަމަ، އެއީ ކޮންޓްރެކްޓަރުގެ މައްސަލައެއް އޮވެގެން ހިނގި ހާދިސާއެއްތޯ ބަލައި އެކަމަށް ބަދަލު ނަގައިދެވެން އޮންނަ އުސޫލުން އެކަން ކުރާ ކަމަށެވެ. އަދި މިހާދިސާގައިވެސް އެގޮތަށް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރީން ހިތަދޫގައި ހުރި އޯޑިޓް އޮފީހުގެ ފާރުވެސް މަގު ހެދުމުގެ މަސައްކަތައް މަގު ކޮންނަމުން ދަނިކޮށް ވަނީ ވެއްޓިފައެވެ. އެ ހަދިސާގައިވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.