Last Updated: May 13, 09:15
Tuesday, May 13, 2025
ޚަބަރު

ތިލަފުށި ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތައް ނަގަނީ

ތިލަފުށި ފަޅަށް ދޫކޮށްލާފައިވާ އުޅަނދުތައް / ފޮޓޯ: އެޗްޑީސީ

ތިލަފުށި ފަޅަށް ދޫކޮށްލާފައި ތިބި އުކުގެ ސަބަބުން ތިލަފުށި ތަރައްޤީ ކުރުމަށް އެކުލަވާލާފައިވާ ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރުމަށް ހުރަސް އެޅޭ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އިން ހާމަކޮށްފިއެވެ.

ސިނާޢީ އެކި ބޭނުންތަކަށް ތިލަފުށި ހިއްކައި ތަރައްޤީ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މިކަމަށްޓަކައި ތިލަފުށި ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭނެއް އެޗްޑީސީން ވަނީ އެކުލަވާލާފައެވެ. މި ޕްލޭނާއި އެއްގޮތައް ތަރައްޤީ ކުރުމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ތިލަފުށީ ފަޅަށް ހަލާކުވާން ދޫކޮށްލާފައިވާ އެކި އުޅަނދުތަކެވެ. މިގޮތުން ބައެއް އުޅަނދުތައް ފަޅުތެރޭ އަޑިއަށްވެސް ވަނީ ގޮސްފައެވެ.

މިކަން ހައްލު ކުރުމަށްޓަކައި އެފަދަ އުޅަނދުތަކާއި މެދު އަމަލު ކުރާނެ އުސޫލެއް ކަނޑައަޅައި ޤަވާއިދެއް ވަނީ ތައްޔާރުކޮށްފައެވެ. މި ޤަވާއިދުގެ ދަށުން އެ އުޅަނދަކީ ދޫކޮށްލާފައިވާ އުޅަނދެއް ކަމަށް ކަނޑައަޅައި ނިންމުމަށް ބަލާނެ ކަންކަން ވަނީ ބަޔާންކޮށްފައެވެ.

މިގޮތުން މިކަންކަމަށް ބެލުމަށް ފަހު އުޅަނދުގެ ވެރި ފަރާތް އެނގޭ ހާލަތުގައި އުޅަނދު އެތަނުން ނެގުމަށް 7 ދުވާހާއި 30 ދުވަހާއި ދެމެދުގެ މުއްދަތެއް ދެވޭނެ ގޮތަށް ޤަވާއިދުގައި ވަނީ ހިމަނާފައެވެ. ޤަވާއިދުގެ ދަށުން ދުވަސްތައް ކަނޑައަޅާނީ އުޅަނދުގެ ހާލަތު ބެލުމަށްފަހުއެވެ. އަދި ވެރިފަރާތް ނޭނގޭ އުޅަނދެއް ނަމަ ވެރިފަރާތް ދެނެގަތުމަށް ކުރާނެ މަސައްކަތާއި އޭގެ ފަހުން އަމަލު ކުރާނެ ގޮތް ވަނީ ބަޔާންކޮށްފައެވެ.

އެޗްޑީސީން ބުނެފައިވަނީ މިފަދަ އުޅަނދުތަކުގެ ސަބަބުން އެ ސަރަހައްދު ތަރައްޤީ ކުރުމަށް ހުރަސް އެޅުމުގެ އިތުރަށް ހަލާކުވާ އުޅަނދުތަކުން ތިމާވެއްޓަށްވެސް އަސަރު ކުރަމުންދާ ކަމަށެވެ. އެހެން ކަމުން އުޅަނދުތައް އެޗްޑީސީން ނަގަން ޖެހޭ ހާލަތުގައި ނަގާނެ ކަމަށާއި އެފަދަ ހާލަތެއްގައި އެކުންފުނިން ވާ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.