Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ސްކޮޓްލޭންޑް އަތުން ސްޕެއިން ބަލިވެއްޖެ

ޖަރުމަނުގައި 2024 ވަނަ އަހަރު ބާއްވާ ޔޫރޯ އަށް ކޮލިފައިވުމުގެ ގޮތުން ކުޅޭ ކޮލިފައިންގައި ރޭ ސްކޮޓްލެންޑް އަތުން ސްޕެއިން 2-0 އިން ބަލިވެއްޖެ އެވެ.

މިއީ ގްރޫޕް އޭ ގައި ހިމެނޭ މި ދެ ޓީމުން ވެސް ކުޅުނު ދެވަނަ މެޗެވެ. ދެ މެޗުން ވެސް މޮޅުވެ 6 ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައި ސްކޮޓްލެންޑް އޮތް އިރު ދެވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ސްޕެއިނެވެ. މި ގްރޫޕްގައި ދެން ހިމެނޭ ނޯވޭ އާއި ޖޯޖިއާ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ސައިޕްރަސް އެވެ.

ސްކޮޓްލެންޑްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ސްކޮޓްލެންޑަށް މެޗުގެ 7 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ސްޕެއިންގެ ފޯވާޑް ޖޮސެލޫ އަށް ރަނގަޅު ދެ ފުރުސަތެއް ލިބިފައިވެ އެވެ. އެގޮތުން އޭނާ މުޅިން ހުހަށް ހުރެ ބޮލުން ފޮނުވާލި ފުރަތަމަ ހަމަލާ ސީދާ ކީޕަރާއި ދިމާލަށް ދިޔައިރު ދެވަނަ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އެއް ގޯލުގެ ލީޑަކާއެކު ސްކޮޓްލެންޑުން ފުރަތަމަ ހާފް ނިންމާލި އިރު މެޗުގެ 51 ވަނަ މިނެޓްގައި މެކްޓޮމިނޭ ވަނީ ސްޕެއިންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި ސްކޮޓްލެންޑްގެ މެގިން ފޮނުވާލި ހިލޭޖެހުމެއް ސްޕެއިންގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެ އެވެ.

މިއީ 1984 ވަނަ އަހަރަށް ފަހު ސްޕެއިންގެ މައްޗަށް ސްކޮޓްލެންޑުން ހޯދި ފުރަތަމަ މޮޅެވެ.