Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ކުރީގެ ނޫސްވެރިޔަކު ގެއްލިގެން ރިޕޯޓްކޮށްފި

ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އިސްމާއީލް އާޒިމް ގެއްލިގެން ހޯދަން އާއިލާ އިން ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ޒުވާން ނޫސްވެރިޔާގެ އާއިލާ އިން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ އެވެ. އަދި އާއިލާ އަށް އޭނަގެ ޚަބަރެއް އެންމެ ފަހުންވީ މި މަހުގެ 9 ގަ އެވެ.

އާޒިމަކީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ އިތުރުން ރާއްޖެ ޓީވީ އާއި ދިވެހި ޗެނަލްގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ. އެގޮތުން އެ ޗެނެލްތަކުގައި ހަބަރާއި ޕްރޮގްރާމްތައް ވެސް އޭނަ ހުށަހަޅައި ދީފައިވެ އެވެ.

އާޒިމް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރި ނަމަވެސް އެކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމައެެއް ނުކުރެ އެވެ.

އޭނަ ގެއްލިގެން އާއިލާ އިން ރިޕޯޓްކޮށްފައިވާ އިރު މީގެ ހައެެއްގެ ގަޑިއިރު ކުރިން އާޒިމްގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ "އަހަރެން ނުގެއްލޭ" ކަމަށާއި "ލޯތަކަށް ފޮރުވިގެން އުޅެނީ" ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ވާނުވާއެއް ނޭނގި މީހުން ގެއްލޭ މައްސަލަތައް ބޮޑެވެ. މީގެ ކުރިން ވެސް ރާއްޖޭގެ ނޫސްވެރިއަކު ގެއްލިގެން އެކަން "ގައުމީ ބޮޑު މައްސަލައަކަށްވެފައިވެ" އެވެ. އެއީ ރާއްޖެ ޓީވީގައި މަސައްކަތްކުރި އަހުމަދު ރިލްވާނެވެ.