Last Updated: April 23, 16:11
Tuesday, April 23, 2024
ޚަބަރު

އިންތިހާބުގައި ގާސިމަށް ލިބޭނީ ދެވަނަ: އާދަމް ޝަރީފު

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް އިބްރާހީމް ވާދަކުރައްވައިގެން ލިބިވަޑައިގަންނަވާނީ ދެވަނަ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގަންނަވާނީ ތިން ވަނަ އަށް ކަމަށެވެ. އަދި އެއް ވަނަ ލިބިވަޑައިގަންނަވާނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

އެއްބުރުން ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށްސް އިދިކޮޅު ތަކުރާރުކޮށް ބުނަމުން އަންނަ އިރު، އެ މަނިކުފާނު މިހާރު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެހެންވެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ ހުކުމާ މެދު މަތީ ކޯޓަކުން ނިންމާ ނިންމުމަކަށް ފަހު އެވެ. އިދިކޮޅުން އޮތީ ހުކުމް އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.

އާދަމް ޝަރީފު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު ގާތްވަމުން އަންނަ އިރު، ރައީސް ސޯލިހު މިހާރު ގެންދަވަނީ ބަލިކަށިވަމުންނެވެ.

"ސަރުކާރުގައި ތިބި ބައެއް މީހުން ވަކިވާ އިރު، އެ މީހުންނާ އެކީ ސަރުކާރާ ފެއަށް ޖެހޭ މީހުން ކުރިމަގުގައި ގިނަވާނެ،" އޭނަ ވިދާޅުވި އެވެ. "މިހާރު ވެސް ރައީސް ސޯލިހު ކައިރީގައި ތިބި ބައެއް ވެރިންނާއި މަޖިލިސް މެމްބަރުންނާއި ޖޭޕީ އާއި ޕީޕީއެމާ [ވެސް] ގުޅޭނެ."

ދާދި ފަހުން އާދަމް ޝަރީފު ވަނީ އެމްޑީގެ މަޖިލިސް މެމްބަރުންތަކަކަށް ޕީޕީއެމާ ގުޅިވަޑައިގަތުމަށް ވެސް ދައުވަތު ދެއްވައިފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.