އޮންލައިންކޮށް ރާއްޖޭގައި ކުރިއަށް ގެންދާ ނަރުހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.
އެތަނުން ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19ގެ ތެރޭގައި ފެށި އީ-ލާނިން ޑެލިވަރީ މޮޑަލިޓީން ހިންގުމުގެ ހުއްދަ ލިބިގެން ހިންގަމުން އަންނަ ޕްރޮގްރާމްތަކުގެ ތެރެއިން، "ގައިޑްލައިންސް ފޯ އީ-ލާނިން" ގައިޑްލައިންގެ ޑެލިވަރީ މޮޑަލިޓީން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ބައެއް ކޯސްތައް ކުރިއަށް ނުގެންދެވޭނެ ކަން ކުރިން ވެސް އެ އޮތޯރިޓީން އަންގާފައިވާނެ ކަމަށެވެ.
އެމްކިއުއޭ އިން ބުނި ގޮތުގައި ބުނީ ނާސިން ދާއިރާގެ ޕްރޮގްރާމްތައް ދިގު މުއްދަތަކަށް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގެ ދަށުން ކުރިޔަށް ގެންދިއުމަކީ އެ ދާއިރާގެ ލައިސެންސިން އިދާރާ ކަމަށްވާ މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފްރީ ކައުންސިލުން ވެސް ހުއްދަ ދީފައިވާ ގޮތް ނޫން ކަމަށެވެ. އެެހެންވެ ނަރުސްކަމުގެ ކޯސްތައް އެ ނިޒާމުގެ ތެރެއިން ކުރިޔަށް ގެންދިއުމުގެ ހުއްދަ ދެވެން ނެތް ކަމަށް ބުންޏެވެ.
އެމްކިއުއޭއިން ވަނީ ނާސިން ކައުންސިލުން ހުށަހަޅާފައިވާ ގޮތަށް މަތީ ތައުލީމުދޭ މަރުކަޒުތަކުން މިހާރު ހިނގަމުންދާ ސެމިސްޓާގެ ނިޔަލަށް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި ނަރުސްކަމުގެ ކޯސްތައް ހިންގުން ހުއްޓާލުމަށް ވެސް އަންގައިފަ އެވެ. އެހެންވެ ނާސިންގެ ކައުންސިލްގެ ލަފަޔާ އެއްގޮތަށް އެމްކިއުއޭ އެފަދަ ކޯސްތައް ބަލައިނުގަންނާނެ ކަމަށް ބުންޏެވެ.