Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ކުނި އެތެރެކުރުން މަނާކުރާ އިސްލާހު ހުށަހަޅައިފި

މެންބަރު މުހައްމަދު ރާޝިދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުނި އެތެރެކުރުން މަނާކުރާ އިސްލާހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދުއެވެ.

މި ޤާނޫނަށް އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ ރާއްޖެއަށް ކުނި އެތެރެކުރުމާއި ގުޅޭގޮތުން ބަޔާންކުރާ އުސޫލުތައް، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްކުރުމުގެ ގޮތުން، ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައެޅުން ކަމަށެވެ.

މީގެއިތުރުން ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުމުގެ ގޮތުން، ގާނޫނު ތަންފީޒުކުރާ އިދާރާތައް ކަމުގައިވާ މިނިސްޓްރީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ބުނެވިދިޔަ ޤާނޫނުގައި ބަޔާންކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުން ހިމެނެއެވެ.

މި ގާނޫނު ފާސްކުރިއިރު، ޤާނޫނުގައި އޮތީ މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައަކާ ލައިގެން ރާއްޖެއަށް ކުނި އެތެރެކުރެވިދާނެ ކަމަށެވެ. މިގޮތަށް މިގާނޫނު ފާސްކުރުމުން އެކަމުގެ ކަންބޮޑުވުން ގިނަ ފަރާތްތަކަކުން ފާޅުކުރުމުން ސަރުކާރުން ވަނީ ރާއްޖެއަށް ކުނި އެތެރެކުރުމަކީ ސަރުކާރުގެ ސިޔާސަތާ ހިލާފު ކަމެއް ކަމަށްބުނެ އެ ބައި އިސްލާހު ކުރާނެ ކަމަށް ބުނެފައެވެ.

މިހާރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، އެއްވެސް ފަރާތަކުން ދިވެހިރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމަށެވެ.