Last Updated: April 20, 10:35
Saturday, April 20, 2024
ޚަބަރު

ސްޓްރޯންގް ސިޓީސް ނެޓްވޯކަށް އައްޑޫ

ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ސިޓީތައް ހިމެނޭ ސްޓްރޯންގް ސިޓީސް ނެޓްވޯކްސް (އެސްސީއެން) ގައި އައްޑޫ ހިމެނިއްޖެ އެވެ.

މިކަން އެ ނެޓްވޯކްގެ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެގޮތުން އައްޑުއާ އެކީ މިހާރު އެސްސީއެންގައި 170 އަށް ވުރެ ގިނަ ސިޓީ ހިމެނޭ ކަމަށާއި އެ ނެޓްވޯކްގެ ތެރެއަށް އައްޑޫ ވަނުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލާ އެކީ މަސައްކަތްތަކެއް ކުރާނެ ކަމަށް ބުންޏެވެ.

އެސްސީއެން އަކީ މައިގަނޑު ގޮތެއްގައި އިޖުތިމާއީ ގޮތުން ބަދަހި މުޖުތަމައަކަށް މަސައްކަތްކުރާ، އެކަމުގެ ހާލަތު ދުނިޔޭގެ ސިޓީތަކުގެ މެދުގައި އޮންނަ މިންވަރު ވަޒަންކޮށް ބަލައި ކަންކަން ރަނގަޅުކޮށް، އިސްލާހުކުރަން ޓެކްނިކަލް އެހީތެރިކަން ދެމުން އަންނަ ނެޓްވޯކެކެވެ. އޭގެ ތެރޭގައި ތަފާތުކުރުންތަކާއި ހަރުކަށިފިކުރާއި އިންސާނީ ވަގުފާރި އާއި ބައިބައިވުން ފަދަ މައްސަލަތަކާ ދެކޮޅަށް އެސްސީއެން މަސައްކަތްކުރެ އެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ އެ ނެޓްވޯކްގެ މެމްބަރަކަށް އައްޑޫ ހަމަޖެހިގެން ދިޔައީ ބޭރުގައި އޮތް އެފަދަ ބައްދަލުވުމެއްގެ ތެރެއިން އެސްސީއެން އިން އައި ރިކްއެސްޓަކާ ގުޅިގެން ކަމަށެވެ.

"އެ ފަހަރުގެ އެ ބައްދަލުވުމުގައި އައްޑޫގެ އިތުރުން މާލެ އާއި ފުވައްމުލައް ސިޓީ ކައުންސިލް ވެސް ބައިވެރިވި. އެގޮތަށް ކުރެވުނު މަޝްވަރާތަކެއްގެ ތެރެއިން އެސްސީއެން މެމްބަރަކަށް އައްޑޫވެގެން ދިޔައީ." އޭނަ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި މީގެ ސަބަބުން ފައިދާތަކެއް ކުރާނެ އެވެ.

"ހާއްސަކޮށް އެ ނެޓްވޯކުން ފޯކަސްކުރާ އިޝޫތަކުގެ ތެރެއިން އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަށް އެޑްރެސްކުރަން ޓެޖްނިކަލް ސަޕޯޓް ލިބޭނެ." އޭނަ ވިދާޅުވި އެވެ. "ވަރަށް އަވަހަށް އެ ނެޓްވޯކާ އެކީ އަޅުގަނޑުމެން އައްޑޫގައި ކޮންފަރެންސެއް ވެސް ބާއްވާނަން."

އައްޑު އަކީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް ސިޓީ އެވެ. އަދި އަތޮޅުތެރެއިން ސިޓީއެއްގެ ދަރަޖަ އެންމެ ފުރަތަމަ ލިބުނު ތަނެވެ.