Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

ނައިފަރު ފެނާ ނަރުދަމާގެ މައްސަލަ ހައްލުނުވާތީ މަޖިލީހަށް

މެންބަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނައިފަރުގައި ގާއިމުކޮށްފައިވާ ފެނާ ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

ޝިޔާމް ހުށަހެޅި ގާރާރުގައި ބުނެފައިވަނީ ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވަނިކޮށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި އަތުން އެ މަސައްކަތް އަތުލާފައިވާ ކަމަށެވެ. އެހެންވުމުން އެ މަސައްކަތް ހުއްޓި، އެ މަސައްކަތް ނިންމުމަށް އޮތް މުއްދަތު ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ.

މި މަސައްކަތް މިހާރު އެމްޑަބްލިއުއެއްސީއާ ހަވާލުކޮށްފައިވާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ މި މަސައްކަތް ފުރިހަމަނުކޮށް ނިޒާމު އޮޕަރޭޓް ކުރުމަށް ފެނަކައާ ހަވާލުކުރުމުން، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ދަތިތަކާ ކުރިމަތިވެ ރައްޔިތުންގެ ހިދުމަތުގެ ބޭނުން ފުރިހަމަގޮތުގައި ނުހިފޭ ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ ނައިފަރުގައި ހުންނަ އާރްއޯ ޕްލާންޓުން ދޫކުރާ ފެނުގައި ކުލައާއި ވަސް ހުންނަކަމަށާއި މި ފެނަކީ ރައްކާތެރި ފެނެއް ނޫން ކަމަށެވެ. މިކަމުގެ ސަބަބުން ސިއްހީގޮތުން މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުންވެސް ޝިޔާމް ވަނީ ނައިފަރުގެ މަގުތަކަށް ނަޖިސް ލީކުވާކަން ފާހަގަ ކޮށް މިކަމާ ގުޅޭ ގިނަ ޝަކުވާތަކެއް ފާހަގަކޮށްފައެވެ.

މިގަރާރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރުގެ މަސައްކަތްތައް ވަރަށް ލަސް ކަމަށާއި ސިޔާސީ ބޭނުމަކަށް އެ ހިދުމަތްދޭން ފެށިނަމަވެސް އަދިވެސް އެ ހިދުމަތް ފުރިހަމަ ނުވާކަމަށާއި ރައްޔިތުންނަށް އެކަމުން ލިބޭ އުނދަގޫ ބޮޑު ކަމަށެވެ. އަދި ޝިޔާމް ވަނީ ވީހާވެސް އަވަހަށް އެކަން ހައްލުކުރުމަށް ވެސް ގޮވާލައްވާފައެވެ.