Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

މިރޭ 12 ޖެހުމުގެ ކުރިން ޖޭޕީން ބައެއް ވަޒީރުން އިސްތިއުފާ ދޭނެ

މެންބަރު މުހައްމަދު ރާއީ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިރޭ 12 ޖެހުމުގެ ކުރިން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބައެއް ވަޒީފުންނާއި ވެރިން އެ ޕާޓީން އިސްތިއުފާ ދޭނެކަމަށް މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއީ ވަނީ، މިވެރިކަމުގައި ހަމަޖެހިލައިގެން އުޅުމުގެ ފުރުސަތު ލިބުނު ކަމަށް ޤާސިމް ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް މާދަމާ ޤާސިމް ހުށަހަޅާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރާއީ ވަނީ އޭގެ ފަހުން ދެން ޤާސިމަށް ވެގެންދާނެ ގޮތަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުގައި މިރޭ 12 ޖެހުމުގެ ކުރިން އަނެއްކާވެސް ބައެއް ވަޒީރުންނާ ތަންތަނުގެ ވެރިން އިސްތިއުފާ ދެއްވާނެ ސަރުކާރާ އެކީ މަސައްކަތް ކުރުމަށް ބޭނުންވާތީ." ރާއީ ވިދާޅުވިއެވެ.

ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ގިނަ ބޭފުޅުންތަކެއް ތިބިކަން ފާހަގަ ކުރައްވާ ރާއީ ވަނީ އެބޭފުޅުންގެ ކުރިމަގާމެދުވެސް ގާސިމް ވިސްނަވަންޖެހޭނެ ނޫންތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި ޤާސިމްގެ ވިޔަފާރިއާ އެކި ކަންކަމާމެދުވެސް ވިސްނަންޖެހޭނެ ނޫންތޯ ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ ޤާސިމް ވެރިކަމަށް ކުރިމަތިލުމުގެ ބަދަލުގައި ފަހަތަށް ޖެހިލުމަށްފަހު، މިސަރުކާރާއެކު މަސައްކަތްކޮށް އިންތިހާބު ކާމިޔާބު ކުރުން މާ ރަނގަޅުވާނެ ކަމަށެވެ. ޤާސިމާ ނުލާވެސް ރައީސް ސޯލިހަށް ވެރިކަމަށް އާދެވޭނެ ކަމަށާއި އެހެންނަމަވެސް އުނދަގޫތަކެއް ހުންނާނެކަން ގަބޫލުކުރާ ކަމަށް ރާއީ ވިދާޅުވިއެވެ.