Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މޮޓޯކޭޑަށް ހުރަސް އެޅުން: ކޮމިޓީ ހުރިހާ ބައްދަލުވުމެއް ސިއްރުކޮށްފި

މެންބަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ ހުރިހާ ބައްދަލުވުމެއް ސިއްރު ކުރުމަށް އެ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމުގައި މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި ދިވެހި ފުލުހުންގެ ހިދުމަތް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާ ބައްދަލުކުރުމަށް އޮތީ ހަމަޖެހިފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސްގެ ސެކިއުރިޓީ އާ ގުޅޭ މައްސަލައަކަށް ވާތީ ހުރިހާ ބައްދަލުވުމެއް ސިއްރު ކޮށްފައި ބޭއްވުމަކީ ރަނގަޅު ކަމަކަށް ވާނެ ކަމަށެވެ. އަސްލަމް މިގޮތަށް ވިދާޅުވުމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވަނީ ހުރިހާ ބައްދަލުވުމެއް ސިއްރު ކުރުމަށް ހުށަހަޅާފައެވެ. އަދި އެވަގުތު ކޮމިޓީއަށް ހާޒިރުވެތިބި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އެގޮތަށް ފާސްކޮށްފައެވެ.

ޕީޕީއެމުން ބޭއްވި މުޒާހަރާގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅާ ސެކިއުރިޓީ ފަހަނައަޅާ ގޮސް ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވެއެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރިވެފައިވެއެވެ. މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އެޅުމުން ރައީސް އިންނެވި ކާރުކޮޅު އެ ސަރަހައްދުން ދުރަށް ގެންދެވިފައިވަނީ އިރުކޮޅެއް ފަހުންނެވެ.

މިކަމާ ގުޅިގެން ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ރައީސްގެ ސެކިއުރިޓީ ޔުނިޓް ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމާންޑަރު އިބްރާހިމް ހަލީމާ ވަނީ ހަވާލުކޮށްފައެވެ. މިއީ މިފަދަކަމެއް ދިމާވުމުން އެމްއެންޑީއެފް ގައި އަމަލުކުރަމުން އަންނަ ޕުރޮސީޖާތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަޅާފައިވާ ފިޔަވަޅެކެވެ.

މި މައްސަލަ ބެލުމަށް އެމްއެންޑީއެފުން ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މި ކޮމެޓީއަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ލީޑަރޝިޕްގެ މަޝްވަރާގެ މަތިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އުފައްދަވާފައިވާ ހާއްސަ ކޮމެޓީއެކެވެ.