Last Updated: May 13, 06:36
Tuesday, May 13, 2025
ޚަބަރު

ޑެންގީ މަދު ކުރަން އައްޑޫގައި ހާއްސަ ޕްރޮގްރާމެއް

ޑެންގީ މަދު ކުރުމަށް ހިތަދޫ އަވަށުގައި ފޮގް ކުރަނީ / ފޮޓޯ؛ އައްޑޫސިޓީ ކައުންސިލް

ޑެންގީ މަދު ކުރުމަށް ހާއްސަ ޕްރޮގްރާމެއް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އަދި އައްޑޫސިޓީ ކައުންސިލް ގުޅިގެން ފަށައިފިއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު ދެ ބައެއް ހިމެނެއެވެ. އެއީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، މަދިރި މަދުކުރުމަށް ފެން ހަރުލާ ތަންތަނަށް ބޭސް އަޅައި އަދި ރަށު ތެރެ ފޮގް ކުރުމެވެ. އޭއީއެޗްގެ ޕަބްލިކް ހެލްތު ޔުނިޓުން މިހާރުވަނީ ފޮގް ކުރާ ސާމާނާއި އަދި ފެން ހަރުލާތަންތަނަށް އަޅާ ލާވިސައިޑް އައްޑޫސިޓީ ކައުންސިލާއި ހަވާލުކޮށްފައެވެ.

މިމަސައްކަތުގެ ދަށުން ރަށު ތެރެ ފޮގް ކުރުމުގެ މަސައްކަތް މިހާރުވެސް ފެށިފައިވާއިރު، ލާވިސައިޑް އެޅުމުގެ މަސައްކަތް މިއަދު ފެށޭނެ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. ލާވިސައިޑް އަކީ މަދިރި ފަނި ނައްތާލުމަށް ބޭނުން ކުރާ ކެމިކަލްއެކެވެ. މި ކެމިކަލް ފެން ހަރުލާފައި ހުންނަ ކާނުތަކަށާއި އަދި އެހެނިހެން މަދިރިއާލާވާ ފަދަ ފެން ހަރުލާފައި ހުންނަ ތަންތަނަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއްވެސް އޭއީއެޗްއިން ވަނީ މިހާރު ފަށާފައެވެ. މިޕްރޮގްރާމުގެ ދަށުން ސްކޫލްތަކުގައި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ވަނީ ފެށިފައެވެ. އަދި ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ބިހޭވިއަރަލް ޗޭންޖްއާއި ބެހޭ ސެޝަން ނެގުމަށް ނިންމާފައިވާކަން ހޮސްޕިޓަލުން ހާމަކުރެއެވެ.

ޑެންގީ ކޭސްތަކަށް ބަލާއިރު ކޮންމެ އަހަރަކުވެސް ވާރޭ މޫސުމުގައި ކޭސް އިތުރުވެއެވެ. ނަމަވެސް މިއަހަރުގެ ކޭސްތައް އެހެން އަހަރުތަކާއަޅާ ބަލާއިރު އިތުރުކަން ފާހަގަކޮށްލެވެއެވެ.