Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މިދިޔަ މަހު ކަސްޓަމްސްގެ އާމްދަނީ ދަށަށް

ހުޅުމާލެ ޕޯޓް -- / ފޮޓޯ: އެމްޕީއެލް

މިދިޔަ މަހު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ %8 ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ފެބްރުއަރީ މަހު ކަސްޓަމްސް މެދުވެރިކޯށް ދައުލަތައް 326 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ ފެބްރުއަރީ މަހު ލިބިފައިވަނީ 301 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %8 ގެ ދަށް ވުމެކެވެ. މީގެ އިތުރުން މިއަހަރުގެ ފެބްރުއަރީ މަހު އެކްސްޕޯޓްވެސް ގާތްގަނޑަކަށް %1 ވަނީ ދަށަށް ގޮސްފައެވެ.

މިގޮތުން މިދިޔަ އަހަރު ފެބްރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލުގެ އެފް.އޯ.ބީ އަގު އުޅެނީ 233 މިލިއަން ރުފިޔާގައެވެ. މިއަހަރު އެއަގު އުޅެނީ 231 މިލިއަށް ރުފިޔާގައެވެ. މިއީ %0.9 ގެ ދަށް ވުމެކެވެ. އެކްސްޕޯޓް ދަށްވި ނަމަވެސް މިއަހަރުގެ އިމްޕޯޓް ވަނީ %18 އުފުލިފައެވެ. މިގޮތުން މިއަހަރު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ އަގު ނުވަތަ ސީ.އައި.އެފް އަގު އުޅެނީ 4.2 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރު މިމުއްދަތުގައި އެތެރެކޮށްފައިވަނީ 3.6 ބިލިއަން ރުފިޔާގެ މުދަލެވެ.

އިމްޕޯޓް އުފުލިފައިވާއިރު އެންމެ ގިނައިން މިދިޔަމަހުވެސް މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ. މިގޮތުން އިނޑީއާއިން 675 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނައިން މުދާ މިދިޔަ މަހު އެތެރެކުރި އޮމާންއިން ކޮށްފައިވަނީ 642 މިލިއަން ރުފިޔާގެ މުދަލެވެ. އެންމެ ގިނައިން ރާއްޖެއިން މުދާ ބޭރުކޮށްފައިވަނީ ތައިލޭނޑަށެވެ. އެގޮތުން އެކްސްޕޯޓްގެ ދެބައިކުޅަ އެއްބައި އެޤައުމު ހިއްސާ ކުރެއެވެ. ދެން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ޔޫރަޕުގެ ޤައުމުތަކަށާއި އެމެރިކާއަށެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރު ފެބްރުއަރީ މަހު 19،499 ޑިކްލެރޭޝަން ކްލިއަރ ކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ކުރި 17،600 ޑިކްލެރޭޝަނަށް ވުރެ އިތުރު އަދަދެކެވެ. މިއާއެކު މިއަހަރު ފެބްރުއަރީ މަހު ރޯޔަލްޓީގެ ގޮތުގައި 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.